ޚަބަރު

ފްލެޓުތަކުގެ މައްސަލައިގައި އޭސީސީން ކުރަނީ ޖިނާޢީ ތަޙުޤީގެއް: ވަޒީރު ހައިދަރު


  • ވަޒީރުވަނީ މިކަމުގެ މައުލޫމާތު މަޖިލީހުގައި ހިއްސާކުރައްވާފައި

  • ތަހުޤީގު ފުރަތަމަ މަރުހަމާ 20 ދުވަސްތެރޭ ނިމޭނެ

  • މެމްބަރުންވަނީ ޖިނާއީ ތަޙުޤީގެއް ކުރާތީ ކަންބޮޑުވުން ފާޅުކޮށްފައި

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓުތަކުގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން، އެސީސީން ކުރަމުންދަނީ ޖިނާޢީ ތަޙުޤީގެއް ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރި ފްލެޓުތަކާއި ގުޅޭ ގޮތުން ގިނަ ބަޔަކުވަނީ ޝަކުވާ ހުށަހަޅާފައެވެ. އަދި މިމައްސަލަ އޭސީސީއަށްވެސް ހުށަހަޅާފައިވުމުން، އޭސީސީގެ އެންގެވުމަށް ފްލެޓު ދޫކުރުމުގެ މަސައްކަތްވަނީ ހުއްޓާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީ އާއި ތަރިކައިގެ ކޮމިޓީގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ އޭސީސީން އެވުޒާރާއަށް މައުލޫމާތުދީފައިވާ ގޮތުގައި އެ މައްސަލައިގައި ކުރިއަށް ގެންދަނީ ޖިނާޢީ ތަހުޤީގެއް ކަމަށެވެ.

އަދި މައްސަލަ ތަޙުޤީގުކުރުމުގެ ފުރަތަމަ މަރުހަލާ 20 ދުވަހުގެތެރޭގައި ނިމޭނެ ކަމަށާއި އެހެން ނަމަވެސް އެއީ ޖިނާއީ ތަހުޤީގަކަށްވާތީ ގިނަ ދުވަސް ނަގާފާނެ ކަމަށް ބެލެވޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި މައްސަލައިގައި އޭސީސީން ޖިނާއީ ތަހުޤީގެއް ކުރަމުންދާތީ މެމްބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އޭސީސީއަށް ޖިނާއީ ތަހުޤީގުތައް ކުރެވޭނެ ކަމާމެދު މެމްބަރުންވަނީ ސުވާލު އުފައްދާފައެވެ.

މިކަމަށް ޖަވާބުދެއްވަމުން ވަޒީރު ހައިދަރުވަނީ ޖިނާއީ ތަހުޤީގެއް ކުރަންވާނީ ފުލުހުން މެދުވެރިކޮށް ކަމަށް ވިދާޅުވެފައެވެ. އަދި ފުލުހުން މި ތަޙުޤީގުގައި ބައިވެރިކުރުމާއި މެދު ގޮތެއް ނިންމަވާނީ ތަހުޤީގުގެ ފުރަތަމަ މަރުހަލާ ނިމުމުން ވަޒީރު ވިދާޅުވިއެވެ.

" ޖިނާއީ ކަމެއް އުޅޭ ކަމަށްވަންޏާ ފުލުހުން މެދުވެރިކޮށް ބަލަންވާނީ، ފުލުހުން މެދުވެރިކޮށް، އަޅުގަނޑުވެސް ލަފާކުރަނީ، ޖިނާއީ ކަމެއް އުޅޭކަން އެނގޭނީ މިހާރު ކުރިއަށްދާ ފުރަތަމަ މަރުހަލާ ނިމުނީމައި، ޖިނާއީ މައްސަލައެއް ކަމުގައިވާނަމަ ފުލުހުން މެދުވެރިކޮށްވެސް ބެލޭގޮތެއް ހަމަޖައްސާނަން،" ވަޒީރު ވިދާޅުވިއެވެ.

މެމްބަރުން ވަނީ ބޯހިޔާވަހިކަމަކީ އަސާސީ ހައްގަކަށްވާއިރު، އެ މައްސަލަ އޭސީސީން އަވަހަށް ބަލާ ނިންމަން ޖެހޭނެކަން ފާހަގަކުރައްވާފައެވެ. އަދި މިމައްސަލަ ބަލާ ގޮތެއް ނިންމުމުގައި، މުޅި ސްކީމް ބާތިލް ނުކުރެވޭނެ ކަމަށާއި، ބައެއްގެ ހައްޤުތަކަށް އަސަރުކުރާނެ ކަމަށް މެމްބަރުންވަނީ ވިދާޅުވެފައެވެ.

މެމްބަރުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވަނީ ޝަރުތު ހަމަވާ އެއްވެސް ފަރާތެއްގެ އަތުން ފްލެޓު އަތުލުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ފްލެޓް ލިސްޓުގައި މާކްސް ދީފައިވާގޮތާއި ގުޅޭގޮތުން އާއްމުންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ޕޮއިންޓް ދިން ގޮތް އާއްމުނުކޮށް ފައިނަލް ލިސްޓް ނެރުމާއި ގުޅިގެން، އެކަމުގެ ޝަކުވާ ގިނަ ބަޔަކު މިނިސްޓްރީއަށް ހުށައެޅިއެވެ. ޝަކުވާތަކަށް ބެލުމަށް ފަހު މިނިސްޓްރީން ނެރުނު ފައިނަލް ލިސްޓަށް ބައެއް ކަހަލަ ބަދަލުތައްވެސް ގެނެސްފައިވެއެވެ. އަދި ފުރަތަމަ 4000 ފްލެޓް ލިބުނު މީހުންނަށް ލިބޭ ފްލެޓް ކަނޑައެޅުމަށް ގުރުއަތު ނެގުންވެސްވަނީ ކުރިއަށް ގެންގޮސްފައެވެ. މިނިސްޓްރީއިން ގުރުއަތު ނެގުން ކުރިއަށްގެންގޮސްފައިވަނީ، މިނިސްޓްރީން ދާއިމީ ލިސްޓް އިޢުލާންކުރުމާއި ގުޅިގެން، ފްލެޓާއި ގުޅޭ މަސައްކަތްތައް ހުއްޓާލުމަށް އޭސީސީން އަންގަވާފައިވަނިކޮށެވެ.

އޭ.ސީ.ސީން މީގެކުރިން ބުނެފައިވަނީ، ތަޙުޤީޤުގެ ތެރެއިން ބެލި ބެލުމުން "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތަކެއް ޝަރުތުހަމަވާ ކަމަށް ކަނޑައަޅައި އެފަރާތްތަކަށް ޕޮއިންޓް ދީފައިވާކަމާއި، ފޯމްތައް އިވެލުއޭޓް ކުރުމުގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ބައެއް ފަރާތްތަކަށް ޕޮއިންޓްދީފައިވާކަން ފާހަގަކުރެވިފައިވާކަމަށެވެ. އަދި ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ މަޢުލޫމާތުގެ ޞައްޙަކަން ޔަޤީންކުރެވެން ހުރި ޙާލަތްތަކުގައި އެކަން ކޮށްފައިނުވާކަން ކޮމިޝަނުގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވާކަމުގެ މަޢުލޫމާތުވެސް ލިބިފައިވާކަމަށް އޭސީސީންވަނީ ވިދާޅުވެފައެވެ.