ޚަބަރު

ކުރީ ސަރުކާރުން ސަފީރުކަމަށް އައްޔަން ކުރުމަށް ފޮނުއްވި ނަންތައް އަނބުރާ ގެންގޮސްފި


  • ސަފީރުކަމަށް އައްޔަންކުރުމަށް ހުށައެޅި ނަންތައް އަނބުރާ ގެންދިއުމަށް ސިޓީފުޅެއް ފޮނުއްވި

  • މުއައްސަސާތަކަށް އައްޔަންކުރުމަށް ހުށައެޅި ނަންތައްވެސް ވަނީ އަނބުރާ ގެންގޮސްފައި

  • ޕީސީބީއަށް އައްޔަން ކުރުމަށް ރުހުން ދިނުމަށް ހުށައެޅި 2 ބޭފުޅަކު ވަނީ އިސްތިއުފާދީފައި

ބައެއް ޤައުމުތަކުގެ ސަފީރުކަމަށް އައްޔަންކުރުމަށް، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު ފޮނުއްވެވި ނަންތައް، މި ސަރުކާރުން އަނބުރާ ގެންގޮސްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުން އަންގަވައިފިއެވެ.

މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ ބައެއް ޤައުމުތަކުގެ ސަފީރުކަމަށް އައްޔަންކުރުމަށް ކުރީ ސަރުކާރުން މަޖިލީހަށް ފޮނުއްވާފައިވާ ނަންތައް އަނބުރާ ގެންދިއުމަށް މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.

ސަފީރުކަމަށް އައްޔަން ކުރެއްވުމަށް ކުރީ ސަރުކާރުން ފޮނުއްވާފައިވާ ނަންތަކަކީ ޗައިނާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ހުދާ ޢަލީ ޝަރީފު، އެކުވެރި ޢަރަބި ޢިމާރާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް މަރިޔަމް މިދުފާ ނަޢީމް، ބަންގްލަދޭޝަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޝިއުނީން ރަޝީދު، އަދި
ޕާކިސްތާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޚަދީޖާ ނަޖީހާއެވެ.

އަސްލަމް ވިދާޅުވީ ސަރުކާރުގެ ބައެއް މުއައްސަސާތަކަށް އައްޔަން ކުރެއްވުމަށް ކުރީ ސަރުކާރުން މަޖިލީހަށް ފޮނުއްވާފައިވާ ނަންތައް ވެސް އަނބުރާ ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް ފޮނުއްވި ނަންތއް އަނބުރާ ގެންދިއުމަށް، މިމަހުގެ 22ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.

މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަށް އައްޔަންކުރައްވާފައިވާ ދެ މެންބަރަކަށް ރުހުންދިނުމަށް މިދިއަ އޭޕްރީލް މަހު މަޖިލީހަށް ފޮނުއްވި ނަމަވެސް، އެ ދެ މެންބަރުން އިސްތިއުފާދެއްވާފައިވާކަމަށެވެ.