ޚަބަރު

ނޫސްވެރިކަމުގެ "ހަޔާތީ އަރުތައިގެ އިނާމު" ޕީއެސްއެމްގެ ޢަބްދުﷲ ރަމީޒަށް


  • ރަމީޒް ނޫސްވެރިކަމުގެ ދާއިރާއާއި ގުޅުނީ 1983ގައި

  • ޕީއެސްއެމްގައި އަދި އަމިއްލަ ނޫސްތަކުގައި މަސައްކަތް ކުރެއްވި

  • ޑިރެކްޓަރ ނިއުސް އެންޑް ކަރަންޓް އެފެއަރސްގެ މަޤާމްވެސް އަދާކުރައްވާފައިވޭ

ނޫސްވެރިކަމުގެ ދާއިރާއަށް އަގުހުރި މަސައްކަތްތައް ކޮށްދެއްވާ ފަރާތްތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އިނާމު، ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ ކޮމްޕެނީ ސެކްރެޓަރީ އަބްދުﷲ ރަމީޒަށް ލިބިވަޑައިގެންފިއެވެ.

"ހަޔާތީ އަރުތައިގެ އިނާމު" ރަމީޒްއާއި ހަވާލުކޮށްދެއްވީ، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާއި ބެހޭ ވަޒީރު، އިބްރާޙިމް ވަހީދުއެވެ. މިއިނާމަކީ، މިދާއިރާއަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްދެއްވާ، ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރައްވާ ފަރާތްތަކަށް މީޑިއާ ކައުންސިލުން ދެމުން އަންނަ އިނާމެކެވެ.

މިއަހަރުގެ "ނޫސްވެރިކަމުގެ އަރުތައިގެ އިނާމު" ޙާސިލްކުރެއްވި ދެ ބޭފުޅުންގެ ތެރެއިން އެއް ބޭފުޅަކީ، ޕަބްލިކް ސަރވިސް މީޑިއާގެ ކޮމްޕެނީ ސެކްރެޓަރީ ޢަބްދުﷲ ރަމީޒްއެވެ.

އަބްދުﷲ ރަމީޒް ނޫސްވެރިކަމުގެ މަސައްކަތް ފެއްޓެވީ 1983ވަނަ އަހަރު "ކޯދު" މަޖައްލާގައި ލިއުއްވަން ފެއްޓެވި ހިސާބުންނެވެ. ރަސްމީ ވަޒީފާއެއްގެ ގޮތުން މިދާއިރާއާއި ގުޅުނީ، 1985 ވަނަ އަހަރު، ދިވެހިރާއްޖޭގެ އަޑުގެ ރިޕޯޓަރެއްގެ ގޮތުގައެވެ. ދިވެހިރާއްޖޭގެ އަޑާއި ޓީވީގެ އިތުރުން، ޕަރޓްޓައިމްކޮށް ދުވަހު ނޫސް "އާފަތިސް"އަށް 20 އަހަރު ރަމީޒް ޚިދުމަތްކުރެއްވިއެވެ.

ޕަބްލިކް ސަރވިސް މީޑިއާގައި ރަމީޒްވަނީ 2007ވަނަ އަހަރު ޑިރެކްޓަރ ނިއުސް އެންޑް ކަރަންޓް އެފެއަރސްގެ މަޤާމްވެސް ފުރުއްވާފައެވެ.

ޢަބްދުﷲ ރަމީޒްވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ އެކި ދާއިރާތަކުން ތަމްރީނާއި ތަޖުރިބާ ހޯއްދަވާފައެވެ. ރަމީޒް އެންމެ އިސްކަމެއް ދެއްވާ އެއް މަސައްކަތަކީ، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ރީތި ޢުސޫލުތައް ދަމަހައްޓާ، މި ދާއިރާއަށް މީހުން ނެރުމާއި، ތަމްރީން ދިނުމުގެ އިތުރުން ޒުވާން ނޫސްވެރިންގެ މަސައްކަތުގެ ފެންވަރު މަތިކުރެއްވުމަށް މަސައްކަތްކުރެއްވުމެވެ.

އަބްދުﷲ ރަމީޒްވަނީ މިދާއިރާއަށް 40 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. އަދިވެސް ދެމިހުންނެވީ ޕަބްލިކް ސަރވިސް މީޑިއާގެ ވަޒީފާގައެވެ.

ނޫސްވެސްރިކަމުގެ އިނާމުދިނުމުގެ ޙަފްލާގައިވަނި، ޕީއެސްއެމްގެ ކުޅިވަރު ނޫސްވެރިޔާ ސާއިދު އަޙުމަދަށް، ހިތްވަރުދިނުމުގެ ހަނދާނީ ފިލާ އަރުވާފައެވެ. ސާއިދުއަކީ ކުޅިވަރު ޚަބަރު ގެނެސްދިނުމުގައި، 2009ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ނޫސްވެރިއެކެވެ. ކުޅިވަރު ޚަބަރު ލިޔުމާއި، ހުށައެޅުމާއި، އަދި ކުޅިވަރު ކޮމްނެޓްރީ ދިނުމުގައިވެސް ފާހަގަކޮށްލެވޭ ނޫސްވެރިއެކެވެ.

2018ވަނަ އަހަރު ސާއިދުގެ ދެ ކިޑްނީ ފެއިލްވެ، ޑައިލަސިސް ހަދާތާ 5 އަހަރަށްވުރެ ދިގު މުއްދަތެއް ވަނީ ވެފައެވެ. ނަމަވެސް ގަދަ ހިތްވަރާއެކު ވަރުބަލިކަމެއް ނެތި، ނޫސްވެރިއެއްގެ ގޮތުގައި ސާއިދު އަދިވެސް އަންނީ މަސައްކަތްކުރަމުންނެވެ. މިދާއިރާއަށް ސާއިދުވަނީ 14 އަހަރު ޚިދުމަތްކޮށްފައެވެ.

މި ހަނދާނީ ފިލާ، ސާއިދުއާއި ހަވާލުކޮށްދެއްވީ ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީއުއެވެ.