ޚަބަރު

އޮފިސަރުން ހުވަޔާ ޚިލާފުވުމުން ދާޚިލީ ސަލާމަތަށްވެސް ބުރު އަރާފައިވޭ: އިޙްސާން


  • ހުވައެއް ކޮންގެން ތިބޭ އޮފިސަރުންގެ ސިފަތައް ދެމެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރެއްވި

  • ރާއްޖޭގެ ދާޚިލީ ސަލާމަތަށް ބުރު އަރާ ކަންކަން ނުކުރުމަށް އިލްތިމާސްކުރެއްވި

އޮފިސަރުންގެ ހުވަޔާއި ޚިލާފަށް އެމީހުން ބޭނުންކޮށްގެން އުސޫލުތައް ނައްތާލާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ދާޚިލީ ސަލާމަތަށްވެސް ބުރު އަރާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީނު ޕްރޮގްރާމްގެ 28 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޕްރިޒަން އޮފިސަރުންގެ އަސާސީ ތަމްރީނު ޕްރޮގްރާމްގެ 28 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ މުއައްސަސާއަކުން ތަމްރީނުކުރާ އޮފިސަރުންނަކީ އެމުއައްސަސާއެއްގެ އެންމެ ބޮޑު އެއް ރައުސުލްމާލު ކަމަށާއި އެއިރެއްގަ ދެވެން އޮންނަ އެންމެ މޮޅު ތަމްރީނެއް އެ މުއައްސަސާއެއްގައި ތިބޭ އޮފިސަރުންނަށް ދެވޭތޯ ބައްލަވާނެ ކަމަށެވެ. އަދި އެތަމްރީނުކުރާ އޮފިސަރުންނަކީ ވަކި ގޮތަކަށް ބައްޓަންކުރެވި، ގައުމާ ދޭތެރޭ ވަކި ގޮތަކަށް ދެކޭ، އިސްލާމް ދީނަށް ފުރިހަމައަށް ޙުރުމަތްތެރިކޮށް ހިތައި ގާނޫނު ނެގެހެއްޓުމުގެ ފުރިހަމަ ގާބިލްކަން ލިބިފައިތިބި އޮފިސަރުންނަށް ހައްދަވާނެ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ހުވައެއް ކޮށްގެން ގައުމީ ޚިދުމަތަށް ނުކުންނަ އޮފިސަރެއްގެ ގައިގައި ހުންނަންޖެހޭ ސިފަތައް ދެމެހެއްޓުމަކީ މުހިންމު ކަމެއްކަން ފާހަގަ ކުރައްވައި ވަޒީރު ވިދާޅުވީ ތަމްރީނުކުރެވި ހުވާ ކުރުމާ ހިސާބަށް އެސިފަތައް ދެމެހެއްޓުނު ނަމަވެސް ވަކި ހިސާބަކުން އެސިފަތައް އެމީހާ ގައިން ނެއްޓިގެންދާތަން ބައެއްފަހަރު ފެނިގެންދާކަމަށެވެ. އަދި ކިތަންމެވަރަކަށްވެސް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްފައި އޮންނަން ބޭނުންވިއަސް، މުއައްސަސާގެ ސަލާމަތާއި ރައްކާތެރިކަމަށް ކަނޑައެޅިފައި ހުރި ބައިވަރު އުސޫލުތަކާއި ހަމަތައް މުގުރާލާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އަސާސީ ތަމްރީނު ފުރިހަމަ ކޮށް ހުވާ ކުރި ޕްރިޒަން އޮފިސަރުންނާ މުޚާތަބު ކުރައްވައި މިނިސްޓަރ ޢިޙްސާން ވިދާޅުވީ ތަމްރީނު ކުރެވި ހުވާކޮށްގެން ތިބޭ އޮފިސަރުން އެ ހުވަޔާއި ޚިލާފަށް އުސޫލުތައް ނައްތާލާ ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ދާޚިލީ ސަލާމަތަށްވެސް ބުރު އަރާފައިވާކަމަށެވެ. އެހެންކަމުން އެފަދަ ކަމެއްގައި ޕްރިޒަން އޮފިސަރުން ބައިވެރި ނުވުމަށް ވަޒީރު ވަނީ ނަސޭހަތްތެރި ވެވަޑައިގެންފައެވެ.

"ތިބޭފުޅުންގެ ކުރިމަތީގައި އޮންނާނެ ޗެލެންޖަކީ ކުޑަ ޗެލެންޖެއް ނޫން. ރިސޯސްތައް މަދު އެހެންނަމަވެސް މަސްއޫލިއްޔަތު ބޮޑު މުއައްސަސާއެއްގެ ތެރެއިން މަސައްކަތް ކުރުމުގެ ބުރަ ޗެލެންޖެސް. މި ޗެލެންޖްތަކާއެކު މަސައްކަތް ކުރާއިރު ހުވާގެ މަތިން ތަކުރާރުކޮށް ހަނދާން ކުރަންވާނެ. މިއަދު ގްރައުންޑުގައި ހޯދި ތަމްރީނުގެ މަތިން ތަކުރާރުކޮށް ހަނދާން ކުރަންވާނެ. އެ މުދައްރިބުން ކިޔައިދެއްވި ފިލާވަޅުތައް ތަކުރާރުކޮށް ހަނދާން ކުރަންވާނެ." ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އަސާސީ ތަމްރީނަށްފަހު ކޮންމެ މުއައްސަސާއެއްވެސް އެމުއައްސަސާތަކުގެ ބޭނުމަށްޓަކައި މުއައްސަސާގެ ޚާއްސަ ތަމްރީނު އެހިސާބުން ހެދިގެންދާ ގޮތަށް ބައްޓަން ކުރުމަކީ އަމާޒެއް ކަމަށެވެ.