ވިޔަފާރި

ސައޫދީއާގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށައިފި


ފުލުހުންނާއި ސަޢޫދީ އަރަބިއްޔާގެ ގައުމީ އެއާލައިން، ސައުދިއާ ގެ ސީދާ ދަތުރުތައް ރަސްމީކޮށް ރާއްޖެއަށް ފަށައިފިއެވެ.

ސައުދިއާގެ ދަތުރުތައް ރާއްޖެއަށް ރަސްމީކޮށް މިއަދު ފަށާފައިވާއިރު، އެޤައުމާއިއެކު ވައިގެ ދަތުރުފަތުރުގެ ގުޅުން ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ އިއްޔެއެވެ.

ސައުދިއާގެ ސީދާ ދަތުރުތައް ރަސްމީކޮށް ފެށުމަށް ސައުދީ އަރަބިއްޔާގެ ރިއާޒުން ރާއްޖެއައި ސައުދިއާގެ ފްލައިޓް އެސްވީ786 އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސީ ހެނދުނު 8:50 ހާއިރުއެވެ. ފްލައިޓުން ވަޑައިގެންނެވި އެ އެއަރލައިންގެ އިސްވެރިންނަށް މަރުޙަބާ ވިދާޅުވީ އެއަރޕޯޓްސް ކޮމްޕެނީގެ އިސްވެރިންނެވެ. ކޮންމެ ހަފުތާއެއްގެ ހޮނިހިދުވަހާއި އަންގާރަދުވަހު މާލެއާއި ރިޔާޒާ ދެމެދު ދަތުރުތައް ކުރުމަށް އެއެއަރލައިނުން ވަނީ ނިންމާފައެވެ. ސައުދިއާގެ ފުރަތަމަ ފްލައިޓަށް ރާއްޖެއިން މަރުހަބާ ކިއުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްވަމުން އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވީ، ސަޢޫދީ އަރަބިއްޔާގެ ޤައުމީ އެއަރލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމުން ދެޤައުމުގެ ދެމެދު ދަތުރުކުރާ މީހުންގެ އަދަދު އިތުރުވެ، މެދުއިރުމައްޗާއި ދެމެދު ގުޅުން އިތުރަށް ބަދަހިވެގެން ދާނެކަމަށެވެ.

ސައޫދީ ޤައުމީ އެއާލައިންގެ ޑިރެކްޓަރު ޖެނެރަލް ސާލިހް އަލް ޖައްސީރު ވިދާޅުވީ ސައުދީ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒާއި ރާއްޖޭގެ އަދުގެ ސަރުކާރާއި ދެމެދު ވަރަށް ގާތް ގުޅުމެއް އުފެދިފައި ވާކަމަށެވެ. އަދި ރާއްޖެއަށް ދަތުރުކުރަން ބޭނުންވެފައި ތިބި ގިނަ ބަޔަކު ސައުދީގައި ތިބިކަން ސާލިހް ފާހަގަ ކުރެއްވިއެވެ.

ސައުދިއާ އިން ރިއާޒާއި ރާއްޖެއާ ދެމެދު ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ، ޓެކްސްއާއިނުލާ 589 ޑޮލަރަށެވެ. އެ އެއަރލައިން މެދުވެރިކޮށް ސައުދީ އަރަބިއްޔާގެ އިތުރުން ޔޫރަޕަށާއި އެމެރިކާއަށްވެސް ދަތުރު ކުރެވޭނެ ކަމަށް އެއެއަރލައިނުން މަޢުލޫމާތުދެއެވެ.