ދިވެހި ތާރީޚާ ސަގާފަތާ އެއްބައިވަންތަކަން ދިރުވާ އާލާކުރުމަށް ކައުންސިލްތަކާ ގުޅިގެން ކުރެވޭނެ ގިނަގުނަ މަސައްކަތްތަކެއް އެބަހުރިކަމަށް، ސިޓީތަކާ އިދާރީ ދާއިރާތަކާ އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ބ.ކަމަދޫގައި އެ އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ސަޤާފީ ރޭގަނޑުގެ ފަރިއްކޮޅަށް އިންސާފު ކުރެއްވުމުގެ ގޮތުން ބޭއްވި ހަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ދިވެހި ތާރީޚާ ސަގާފަތާ އާދަކާދަތައް ދިރުވާ އާލާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާ ކަމެކެވެ. ޒަމާނުންސުރެ ރާއްޖޭގައި ގެންގުޅެމުންއައި ދިވެހިވަންތަކަމާއި، ރަޙްމަތްތެރިކަމާ މެހެމާންދާރީއާއި، އެއްބައިވަންތަ މުޖުތަމައުއެއް އެކުލަވާލުމަށް ދިވެހި ޤައުމިއްޔަތު ދިރުވާ އާލާކުރުމަށް ހާއްސަ ވުޒާރާއެއްވެސް އެމަނިކުފާނު ވަނީ އުފައްދަވާފައެވެ. އެކަމަކީ ސަރުކާގެ މުހިންމު އެއް ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ މުހިންމުކަމަކަށް ވާއިރު، ހުރިހާ ޒުވާރާއަކުންވެސް މަސައްކަތް ކުރާނީ ދިވެހި ޤައުމިއްޔަތުގެ ހަމަތަކާ އުސޫލުގެ މަތިންނެވެ.
މިކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެވޭނެ އެއް ބަޔަކީ ރަށްރަށުގެ ކައުންސިލްތަކެވެ. ކައުންސިލްތައް ހިންގުމާ ހަވާލުވެ ހުންނެވި ވަޒީރު އަތޮޅު ތެރެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުންވެސް އެކަން ހާމަވެގެން ގޮސްފައިވެއެވެ.
ވަޒީރު އާދަމް ޝަރީފް ބ.އަތޮޅަށް ކުރެއްވި ދަތުރުފުޅަކީ ކައުންސިލްތައް ބާރުވެރި ކުރުވުމުގެ ގޮތުން "އެޝޯސިއޭޝަން" އުފެއްދުމަށް ހިޔާލާ މަޝްވާރާ ހޯދުމަށް ކުރެއްވި ދަތުރުފުޅެކެވެ. ދުނިޔޭގައި ލާމަރުކަޒީ ނިޒާމް ފައްކާވެފައި އޮތް ޕިލިޕީންސްގެ ކައުންސިލް ލީގުގެ މެންބަރުންނާ އެކު އެ މަޝްވަރާތައް ކުރިއަށް ގެންދިޔައީ ބ.ކަމަދޫގައެވެ. އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ އެ މަޝްވަރާތައް ގޮތުން ބޭއްވި ސަގާފީ ރޭގަނޑުގެ ފަރިކޮޅެއް ވަނީ ބާއްވާފައެވެ. އެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، ފުރަތަމަ ދަތުރުންވެސް ކައުންސިލްތައް ބާރުވެރިކުރުވޭނެ ގިނަ ކަންތައްތަކެއް ދެނެގަނެވިފައިވާކަމަށެވެ.
" ބ.އަތޮލު ކައުންސިލުން އިސްނަގައިގެން އެލްޖީއާ ގުޅިގެން މިފަދަ މުޙިންމު މަސައްކަތެއް ކުރުމަކީ ސަރުކާރުން ފަޙްރުވެރިވާކަމެއް، އަދި މި މަސައްކަތުން ވަރަށް ބޮޑަށް ލޯހުޅުވިގެން ހިނގައްޖެ، އަދިކައުންސިލްތަކާ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހާލުމަށް ލިބުނުރަނުގެ ފުރުސަތެއްމީ، އަދި ކަމަދޫ އަކީ އެއްބައިވަންތަ ރައްޔިތުންތަކެއް ދިރިއުޅޭ މެޙްމާންދާރީ އަދާކުރުމުގައި ނަމޫނާ ރަށެއްކަން ހާމަކޮށްދީފި އެކަމަށްޓަކައި މި ރަށުގެ ލޮބުވެތި ރައްޔިތުންނަށް ޝުކުރު އަދާކުރަން" ވަޒީރު ވިދާޅުވިއެވެ.
އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް ރާއްޖޭގައި ކުރިއަރަމުން އަންނައިރު، ކައުންސިލްތަކާއި ގުޅިގެން ސަގާފީ ޙަރަކާތްތައް ދިރުވާ އާލާކުރެވޭނެ މަސައްކަތްތަކެއް ކުރެވެން އެބަހުރިކަމަށެވެ. އެގޮތުން ސަޤާފީ ހަރަކާތްތަކާ ދިވެހިންގެ އާދަތައް ދެމެހެއްޓުމަށް ކައުންސިލް ތަކުން މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށާ އެކަމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. އޭގެ ސަބަބުން ކައުންސިލްތަކާ މުޅި ރާއްޖެއަށްވެސް އޭގެ ފައިދާއާއި މަންފާ ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި މަސައްކަތުން ޔަގީން ކުރެވުނު އެއްކަމަކީ ކައުންސިލްތަކަށް ދިމާވެފައި ހުރި މައްސަލަތަކާއެކުވެސް ކުރިއަށް ދެނޭ ފުރުޞަތު އޮތްކަންކަމަށެވެ. އަދި ރާއްޖޭގެ ސަގާފީ ކުޅިވަރުތަކާ އެއްބައިވަންތަކަމާ ހިތްހެޔޮ މުޖުތަމައުއެއް ރާއްޖޭގެ ހުރިހާ ރަށެއްގައި ޤާއިމް ވެގެންދާނީ ކައުންސިލްތަކުން ކުރާ މަސައްކަތްތައް ރައްޔިތުންނާ ގުޅިގެން ކުރިއަށްގެންދެވޭ މިންވަރު އިތުރުކޮށްގެންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެކަމުގެ ބޭނުނުން އެންމެ އެދެވޭ ގޮތުގައި ހިފައި ކައުންސިލާ ރައްޔިތުން ގުޅުވައިދިނުމަށް ކުރެވެންހުރި މަސައްކަތްތައް ކޮށްދެއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ކަމަދޫގައި ބޭއްވި ސަގާފީ ހަރަކާތުގައި ވަޒީރު އަދާމް ޝަރީފް ވަނީ ބައިވެރިވެވަޑައިގެންފައެވެ.