މިއަހަރުގެ މަސްވެރިންގެ ދުވަސް މާލޭގައި ފާހަގަކުރުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަހަރު ފާހަގަކުރާ 43 ވަނަ މަސްވެރިންގެ ދުވަހުގެ ރަސްމީ އިޙްތިފާލުތައް މާލޭގައި ބޭއްވުމަށް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާކަމަށެވެ. މި އަހަރުވެސް މަސްވެރިންގެ ދުވަހާގުޅިގެން ތަފާތު ޙަރަކާތްތައް ރާވަމުންދާކަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މިއަހަރުގެ މަސްވެރިންގެ ދުވަހު މަސްވެރިންނަށް ޚާއްޞަކޮށްދޭ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތުވެސް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ހުޅުވާލާފައެވެ. މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި އެވޯޑު ދެވޭނީ މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި މަސްވެރިކަން ފިޔަވައި ޢާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ، މަސްވެރިންނަށް ކަމަށެވެ. އެގޮތުން، 35 އަހަރުން ދަށުގެ އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅުގެ އެވޯޑާއި، 35 އަހަރުން މަތީގެ މަސްވެރިންގެ ތެރެއިން އެންމެ ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑު ދޭގޮތަށް ހަމަޖެހިފައިވާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި ދެ އެވޯޑަށް ކުރިމަތިލާން ހުށައަޅަން ޖެހޭ ފޯމު، އެ ވުޒާރާގެ ވެބްސައިންޓުން ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށެވެ. އަދި މި ފޯމު ހުށައެޅުމުގެ ފުރުޞަޠު މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރު 12 އާއި ހަމައަށް ހުޅުވާލާފައިވާކަމަށްވެސް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
މި ދެ އެވޯޑަށް އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތެއްގެ ފަރާތުން ފޯމު ހުށައެޅުމަށް ވެސް ފުރުޞަތު އޮންނާނެކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ. އެންމެ ފަހުން މަސްވެރިންގެ ދުވަސް ފާހަގަކުރީ ގދ.ފަރެސްމާތޮޑާގައެވެ.