ޚަބަރު

ގްރޭޑް 10އެއްގެ 2ވަނަ ޓާރމް އިމްތިހާން ރޯދައިގެ ކުރިން ނިންމުމަށް އަންގަވައިފި


  • ގްރޭޑް 10ގެ މިއިމްތިހާނު ފެބްރުއަރީ 25 އާއި މާޗު 14 އާ ދެމެދު ނިންމަން އަންގާފައިވޭ

  • މިގޮތަށް އަންގަވާފައިވަނީ ރޯދައިގެ ކުރިން މިއިމްތިހާން ނެގުމަށް ގިނަ ސްކޫލްތަކަކުން އެދިފައިވާތީ

ގްރޭޑް 10ގެ ދަރިވަރުންގެ 2 ވަނަ ޓާމް އިމްތިހާން ރޯދަމަހުގެ ކުރިން ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގަވައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ފޮނުވާފައިވާ ސަރކިއުލާއެއްގައިވަނީ މިގޮތަށް އަންގަވާފައިވަނީ ރޯދައިގެ ކުރިން މިއިމްތިހާން ނެގުމަށް ގިނަ ސްކޫލްތަކަކުން އެދިފައިވާތީ ކަމަށެވެ.

އެހެންކަމުން ގްރޭޑް 10އެއްގެ 2ވަނަ ޓަރމް އިމްތިހާނު އަންނަ އަހަރުގެ ފެބްރުއަރީ 25 އާއި މާޗު 14 އާ ދެމެދު ބާއްވާ ނިންމުމަށް އެޑިއުކޭޝަން މިނިސްޓްރީންވަނީ ސްކޫލްތަކަށް އަންގަވާފައެވެ.

ކަލަންޑަރުގައިވާ ގޮތުން އަންނަ އަހަރުގެ ރޯދަމަސް ފެށޭނީ މާޗު 10 ގައެވެ.

މިސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު ތަޢުލީމީ ދާއިރާގެ ކަންކަން އިތުރަށް ރަނގަޅުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން ދިރާސީ އަހަރުގެ ފެށުން އަހަރުގެ ކުރީކޮޅަށް ބަދަލުކުރުމާއި ގުޅޭ މަޝްވަރާތައް މިހާރު ފަށްޓަވާފައިވާ ކަމަށް އެމިނިސްޓްރީންވަނީ ހާމަކުރައްވާފައެވެ. ނަމަވެސް މިކަން ތަންފީޒުކުރަން ފަށާނެ ވަކި އަހަރެއް އަދި ކަނޑައަޅުއްވާފައި ނުވާކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

މީގެއިތުރުން ސްކޫލްތަކުން އިތުރު ހަރަކާތްތައް ބާއްވާއިރު ކިޔެވުމުގެ ވަގުތު ނުގެއްލޭގޮތައް އެކަންކަން ރޭވުމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލްތަކަށް އަންގަވާފައެވެ.