ޚަބަރު

ފުލުހުންނާއި ސިފައިންގެ ޤާނޫނަށް އިސްލާހެއް !


ފުލުހުންނާއި ސިފައިންގެ ތެރެއިން ޝަރުފުވެރިކަމާއިއެކު ވަޒީފާއިން ވަކިވާ މީހުން، ސިޔާސީ މަޤާމަކަށް އިންތިޚާބުވުމުން އެމީހަކަށް ލިބިދޭ އިމްތިޔާޒްތަކާއި، އިނާޔަތްތައް ނުދޭ ގޮތަށް ސިފައިންނާއި ފުލުހުންގެ ޤާނޫނަށް އިޞްލާޙެއް ހުށައަޅުއްވައިފިއެވެ.

މި ދެ އިޞްލާޙު ހުށައެޅުއްވީ ދިއްދޫ ދާއިރާގެ މެމްބަރު ޢަބްދުއްލަތީފް މުޙައްމަދުއެވެ. ސިފައިންގެ ޤާނޫނަށް ހުށައަޅުއްވާފައިވާ އިޞްލާހުގައި ވަނީ، ޝަރަފުވެރިކަމާއި އެކު ސިފައިންގެ ވަޒީފާއިން ވަކިވާ މީހުންނަށް އެ ޤާނޫނުގެ ދަށުން ހަދާ ޤަވާއިދާ އެއްގޮތްވާ ގޮތުގެ މަތީން ޚާއްސަ އިނާޔަތްތަކާއި އިމްތިޔާޒު ދިނުމުގެ އިޚްތިޔާރު ޑިފެންސް މިނިސްޓަރަށް ލިބިގެންވާކަމަށެވެ. ނަމަވެސް އެފަދަ މީހަކު، ރައްޔިތުން އިންތިޚާބުކުރާ ސިޔާސީ މަޤާމެއް އަދާކުރަން ފަށާހިސާބުން އެ މުއްދަތުގައި އެ މީހަކަށް އެ އިނާޔަތްތަކާއި އިމްތިޔާޒުތައް ނުލިބޭނެ ކަމަށް ލަތީފް ހުށައެޅުއްވި އިޞްލާޙުގައިވެއެވެ.

ފުލުހުންގެ ޤާނޫނަށް ހުށައަޅުއްވާފައިވާ އިޞްލާޙުގައި ވަނީ، ޝަރަފުވެރިކަމާ އެކު ފުލުހުންގެ ވަޒީފާއިން ވަކިވެފައިވާ މީހަކު، ރައްޔިތުން އިންތިޚާބުކުރާ ސިޔާސީ މަޤާމެއް އަދާކުރަން ފަށާ ހިސާބުންފެށިގެން އެ މުއްދަތުގައި އެ މީހަކަށް އެއިނާޔަތްތަކާއި އިމްތިޔާޒުތައް ނުލިބޭނެކަމަށެވެ. 

މި އިޞްލާޙު ހުށައެޅުއްވުމުގެ މަޤްޞަދަކީ، ސިފައިންނާއި ފުލުހުންގެ ތެރެއިން ރިޓަޔާ ކުރާ މީހުން، ސިޔާސީ މަޤާމަކަށް އިންތިޚާބު ވިޔަސް، އެ ދެ ޤާނޫނުގައިވާ އިނާޔަތްތަކާއި އިމްތިޔާޒްތައް ލިބެމުންދިއުމުން އެ މީހަކަށް ދައުލަތުގެ ބަޖެޓުން ޑަބަލްކޮށް ފައިސާ ލިބެމުންދާތީކަމަށް ބުނެފައިވެއެވެ. ޑަބަލްކޮށް ފައިސާ ލިބެމުންދާކަމަށް މާނަކޮށްފައިވަނީ، ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވުމުން ލިބޭ ފައިސާގެ އިތުރުން އަދާކުރާ މަޤާމުގެ މުސާރައެވެ. 

މި ދެއިޞްލާޙު މަޖިލީހަށް ހުށައަޅުއްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގައި މި އިނާޔަތްތައް ލިބޭ ބައެއް މެމްބަރުން ތިއްބަވައެވެ. އެއީ ހިތަދޫ މެދު ދާއިރާގެ މެމްބަރު، ބްރިގޭޑިއާ ޖެނެރަލް ރިޓަޔަޑް އިބްރާހީމް ދީދީއާއި، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ފަސްޓް ލެފްޓިނެންޓް ރިޓަޔަޑް ޤަބްދުލް ޣަފޫރު މޫސާ. އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ކިނބިދޫ ދާއިރާގެ މެމްބަރ ޢަބްދުﷲ ރިޔާޒުއެވެ. މި ދެޤާނޫނަށް ހުށައެޅުއްވި އިޞްލާޙުގެ ފުރަތަމަ ކިޔުން ވަނީ މަޖިލީހުގެ ތަޅުމަށް މިއަދު އިއްވަވާފައެވެ.