ޚަބަރު

ރައްޔިތުންނަށް އުއްމީދު ލިބިދޭ ބަޔަކަށް މީޑިއާ ވާންޖެހޭ- ޚަލީލް


ރައްޔިތުން ނާއޫންމީދުކުރާ އަދި ރައްޔިތުން މާޔޫސްކުރުވާ ބަޔަކަށް މީޑިއާ ވެގެން ނުވާނެކަމަށާއި އެކަން ބަދަލުކޮށް، ރައްޔިތުންނަށް އުންމީދު ލިބިދޭ ބަޔަކަށް މީޑިއާ ވާންޖެހޭކަމަށް ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސްގެ ސްކޫލް ވެށި ޕްރޮގްރާމް އިފްތިތާޙުކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވި ގޮތުގައި، މީޑިއާތަކުގެ ވިސްނުން ބަދަލުކޮށް، މުޖުތަމަޢަށް އުންމީދާއި ހިއްވަރުދެވޭ ގޮތަށް ބަދަލުކޮށް، އެކަން ދަމަހައްޓައިގެން ނޫނީ ކަންކަން ރަނގަޅުމަގުން ނުދާނެކަމަށެވެ. މީޑިއާގެ ދާއިރާގެ ޢިލްމީ ދިރާސާތައް ކުރާ ފަރާތްތަކުން، ކޮށްފައިވާ ދިރާސާތަކުގެ ނަތީޖާގެ އަލީގައި ދިރާސާވެރިން މިކަން ވަރަށް ބޮޑަށް ފާހަގަކުރާކަމަށް އިބްރާހީމް ޚަލީލް ވިދާޅުވިއެވެ. މީޑިޔާގެ ވިޔަފާރި ބައްޓަންވަމުންދާ ގޮތުން މީޑިޔާއިން މުޅި އިންސާނިއްޔަތު މާޔޫސްވެފައިވާކަމަށް މިފަދަ ދިރާސާވެރިން ބުނާކަން ޚަލީލް ފާހަގަކުރެއްވިއެވެ.

"ޓީވީ ހުޅުވާއިރަށް ބޮމެއް ގޮވި ވާހަކަ، ކޮންމެވެސް ރޭޕެއް ކުރި ވާހަކަ، މީހަކު އަންދާލި ވާހަކަ، ހަމަނުޖެހުން ހިނގި ވާހަކަ، ޖެހި ވާހަކަ، ފުނޑާލި ވާހަކަ، އުއްމީދުގެ އެއްވެސް ވާހައެއް ނާދެއެވެ. ޓީވީ ހުޅޫވާ އިރު އޭނަ އުޅޭ ދުނިޔޭގެ ހުރި ނާއުއްމީދީ ވާހަކަ ތަކެއް މި އަންނަނީ. އެހެންވީމަ މީޑިޔާތައް ހިންގާ ފަރާތްތަކުގެ ވިސްނުން ބަދަލުކޮށް އިންސާނިއްޔަތަށް އުއްމީދު ދޭން ވެއްޖެ. މިދުނިޔޭގެ ހިނގަނީ ހަމައެކަނި ބޮން ގޮއްވުމާއި، މީހުން މެރުމެއް ނޫން. މިދުނިޔޭގެ ހިނގާ ރަނގަޅު އެތަށް ކަމެއް އެބަހުރި. ރަނގަޅު ކަންތައްތަކަށްވުރެ ބޮޑަށް ރައްޔިތުންނާއި ހަމަޔަށް ގެންނަނީ ނުބައި ކަންތައްތައް. ރައްޔިތުންނަށް އަބަދުވެސް އުފާވެރިކަމާ އުއްމީދު، އޭނަޔަށްވެސް، އޭނަގެ ދަރިންނަށްވެސް، ދަރިންގެ ދަރިންނަށްވެސް އުއްމީދު ލިބޭ ތަނަކަށް ހަދައިދިނުމަށް މީޑިޔާގެ ވަރަށް ބޮޑު ދައުރެއް އަދާކުރަން އެބަޖެހޭ." އިބްރާހިމް ޚަލީލް ވިދާޅުވިއެވެ. 

އިބްރާހީމް ޚަލީލް ވިދާޅުވި ގޮތުގައި، އަބަދުވެސް ނާއުއްމީދީ ވާހަކަތަކާއި ފަނާކުރާ ވާހަކަތައް ރެޔާއި ދުވާލު އިވި އިވި، ފެނިފެނި ތިމާގެ މުޖުތަމަޢަކީ ތިމާ އުޅެން ހެޔޮނުވާ ކަހަލަ ތަނެއްކަމުގެ ތަޞައްވުރު މީހުންގެ ހިތަށް ވަދެފައި އޮތުމަކީ މީޑިއާއިން ނުވިސްނައި ދޫކޮށްލައިގެން ވާވަރުގެ ކަމެއް ނޫންކަމަށެވެ.