ޚަބަރު

ރާއްޖެއާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ސަޢުދީގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފި


  • މިގޮތަށް ނިންމެވީ ސަޢުދީގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި

  • މިބައްދަލުވުމުގައި މުހިންމު 15 ނިންމުމެއް ނިންމަވާފައިވޭ

ދިވެހިރާއްޖެއާއެކު ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރަން ސަޢުދީގެ އަރަބިޔާގެ ވަޒީރުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ރިޔާސަތު ބެލެހެއްޓެވި ވަޒީރުންގެ މަޖިލީހުގެ މިބައްދަލުވުމުގެ މަޢުލޫމާތު ހާމަކުރަމުން، ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ނިއުސް އޭޖެންސީ "ވާސް" އިން ބުނެފައިވަނީ މިވިޔަފާރީގެ އެއްބަސްވުމުގެ ފަހުމުނާމާގައި ސޮއިކުރުމުގެ މަޝްވަރާތައް ދިވެހިރާއްޖޭގެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓްރީއާއެކު ކުރިއަށް ގެންދަވާނީ ސަޢޫދީ ޢަރަބިއްޔާގެ އިކޮނޮމިކް މިނިސްޓަރު އަދި ފޮރިން އިންވެސްޓްމަންޓް އޮތޯރިޓީގެ ޗެއާމަން ކަމަށެވެ.

ސަޢުދީގެ އަރަބިޔާގެ ވަޒީރުންގެ މަޖިލީހުގެ މިބައްދަލުވުމުގައި މުހިންމު 15 ނިންމުމެއް ނިންމަވާފައިވާކަމަށްވެސް ސަޢޫދީ ޢަރަބިއްޔާގެ ޤައުމީ ނިއުސް އޭޖެންސީން ބުނެފައިވެއެވެ.

މިބައްދަލުވުމުގައި ވަލީޢަހުދު މުޙައްމަދު ބިން ސަލްމާންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަޤާމުގެ ގާނޫނީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑަގަތުމަށް ސަޢުދީ އަރަބިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި އެޤައުމުގެ މިނިސްޓަރ އޮފް އިކޮނޮމިކް އެންޑް ޕްލޭނިން ފައިސަލް ބިން ފާދިލް އަލްއިބްރާހީމްވަނީ ރާއްޖެ ވަޑައިގަންނަވާފައެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު. މުއިއްޒުއާ ބައްދަލުކުރައްވައި ވިޔަފާރިއާއި އިޤްތިސާދުގެ ދާއިރާއާއި އަދި އެނޫންވެސް ގިނަ ދާއިރާތަކަކުންވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހި ކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.