ކުޅިވަރު

އިންޑިއާގައި ބޭއްވި ސްކޭޓިން މުބާރާތަކުން ރާއްޖެއަށް ބޮޑެތި ކާމިޔާބީތަކެއް


  • []

އިންޑިއާގެ މުމްބާއީގައި ބޭއްވި ވޯލްޑް އެންޑިއުރަންސް ޗެލެންޖުގައި ޖުމްލަ 12 ޤައުމަކާއި ވާދަކޮށް ދިވެހި ރާއްޖެއިން ތިންވަނަ ހޯދައިފިއެވެ.

މުމްބާއީގެ ކޮޕޯލީގައި މި މަހުގެ 18-19 އަށް ބޭއްވި މި މުބާރާތުގައި ރާއްޖެ ތަމްސީލުކޮށްފައިވަނީ އިންލައިން ސްކޭޓިން އެސޯސިއޭޝަނުގެ ހަ ސްކޭޓަރުންގެ އިތުރުން ކޯޗެކެވެ. ހަ އުމުރުފުރާއަށް ބަހާލައިގެން ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖެއިން ވަނީ ފަސް އުމުރުފުރާއަކުން ބޮޑެތި ކާމިޔާބީތަކެއް ހާސިލުކޮށްފައެވެ.

އެގޮތުން މުބާރާތުގެ 5 އަހަރުން ދަށުގެ ބައިން ރާއްޖެއިން ވަނީ ތިން ރަން މެޑެއްޔާއި ތިން ރިހި މެޑަލް ހާސިލުކޮށްފައެވެ. އަދި 6 އަހަރުން ދަށުގެ ބައިން 5 ރަން މެޑަލް ހޯދިއިރު 7 އަހަރުން ދަށުގެ ބައިން ވަނީ ދެ ރިހި މެޑެއްޔާއި ތިން ލޯ މެޑަލް ހޯދާފައެވެ. މީގެއިތުރުން 30 އަހަރުންމަތީގެ ބައިން ވަނީ އެއް ރަން މެޑަލް އަދި އެއް ރިހި މެޑަލް ހޯދާފައެވެ.

ރާއްޖޭގެ ޓީމުގެ ކޯޗަކީ އިންލައިން ސްކޭޓިން އެސޯސިއޭޝަނުގެ ފައުންޑަރ މުހައްމަދު ރިލްވާނެވެ. މުބާރާތުގައި ރާއްޖޭގެ ސްކޭޓަރުން ވަނީ ވާދަކުރި ކޮންމެ އިވެންޓެއްގައި ވެސް ހުނަރުވެރިކަން ދައްކާފައެވެ. އަދި މުބާރާތް އިންތިޒާމުކުރި އެންޑިއުރަންސް ވޯލްޑުން ވަނީ ރާއްޖޭގެ ސްކޭޓަރުންގެ ހުނަރުވެރިކަން ފާހަގަކޮށް މިފަދަ މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ސްކޭޓިން އަކީ ރާއްޖޭގައި މަޤްބޫލުވަމުން އަންނަ ކުޅިވަރެކެވެ. ހާއްސަކޮށް ޅަ އުމުރުފުރާތަކުގެ މެދުގައި މި ކުޅިވަރުގެ މަޤުބޫލުކަން ދަނީ ދުވަހެއް ދުވަހަކަށް ބޮޑުވަމުންނެވެ.