ޚަބަރު

އިންޑޮނީޝިޔާ ހޮސްޕިޓަލަށް ބޮން އަޅައި 12 މީހުން ޝަހީދުކޮށްލައިފި


ޣައްޒާގެ ޖަބާލިޔާ ރެފިއުޖީ ކޭމްޕު ކައިރީގައި ހުންނަ އިންޑޮނީޝިޔާ ހޮސްޕިޓަލަށް ޔަހޫދީ ފައުޖުން ބޮން އަޅައި 12 މީހުން ޝަހީދު ކޮށްލައިފިއެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ބަލިމީހުންނާއި، އެ މީހުންގެ އެހީތެރިން ހިމެނެއެވެ. އަދި، ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމު ކޮށްލިއެވެ.

ޔަހޫދީ ފައުޖުން އެމެރިކާގެ އެހީތެރިކަމާ އެކު ޣައްޒާގައި ހިންގަމުންދާ އުދުވާނުގެ ތެރެއިން އިންޑޮނީޝިޔާ ހޮސްޕިޓަލަށް ބޮން އަޅާފައި ވަނީ އެ ތަނުގައި ގިނަ ޢަދަދެއްގެ ބަލި މީހުން ތިބި ވަގުތެއްގައެވެ. ބަލި މީހުންގެ އިތުރުން، ގެދޮރު ނެތިކޮށްލާފައިވާ ގިނަ ޢަދަދެއްގެ ބަޔަކު އެ ތަނުގައި ހިމާޔަތް ހޯދަމުންދެއެވެ.

ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ބުނީ ޔަހޫދީންގެ ހަމަލަތަކާ ގުޅިގެން އިންޑޮނީޝިޔާ ހޮސްޕިޓަލްގައި ޞިއްޙީ ފަރުވާދޭން ހުރަސް އެޅިފައިވާ ކަމުގައެވެ. އަދި، ހޮސްޕިޓަލުގައި ތިބި 200 އަށްވުރެ ގިނަ ޢަދަދެއްގެ ބަލިމީހުން އެހެން ހޮސްޕިޓަލަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމުގައެވެ.

ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް-ޤުދްރާ ވިދާޅުވީ އެ ތަނުގައި ތިބި 200 އެއްހާ ބަލިމީހުން ޚާނީޔޫނުސްގައި އޮންނަ ނާޞިރު ހޮސްޕިޓަލަށް ބަދަލު ކޮށްފައިވާ ކަމުގައެވެ. އެ މީހުން ނާޞިރު ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ރެޑް ކްރޮސްގެ އެހީތެރިކަމާ އެކު އެ ޖަމުޢިއްޔާގެ އެމްބިޔުލާންސްތަކުގައެވެ.

"ޔަހޫދީ ފައުޖުން ވަނީ ބަރުހަތިޔާރާ އެކު އިންޑޮނީޝިޔާ ހޮސްޕިޓަލް ވަށައިލާފައި. އެ މީހުން އެ އުޅެނީ މި ހޮސްޕިޓަލަށް ވެސް ވަދެ އުދުވާން ހިންގަން. އަލް-ޝިފާ ހޮސްޕިޓަލަށް ހެދި ގޮތަށް ހަދައިލަން،" ޤުދްރާ ވިދާޅުވިއެވެ. ޔަހޫދީ ފައުޖުން ހުސްވި ހަފުތާގައި އަލް-ޝިފާ ހޮސްޕިޓަލަށް ވަދެ، އެ ތަނުގެ ތެރޭގައި ވެސް ލާއިންސާނީ ޖަރީމާތައް ހިންގާފައިވެއެވެ.

"ހޮސްޕިޓަލުގައި އަދިވެސް އިތުރު 400 އެއްހާ ބަލިމީހުން އެބަތިބި. އެ މީހުން ވެސް ސަލާމަތް ކޮށްގެން އެހެން ހޮސްޕިޓަލަކަށް ގެންދަން މަސައްކަތް ކުރަމުން މި ދަނީ. މި ތަނުގައި ގެދޮރު ނެތިކޮށްލާފައިވާ 2,000 އަށްވުރެ ގިނަ ޢަދަދެއްގެ މީހުން ވެސް އެބަތިބި،" ޤުދްރާ ވިދާޅުވިއެވެ. ޔަހޫދީ ފައުޖުން އަސްކަރީ ޓޭންކުފަހަރު ބޭނުންކޮށްގެން މިހާރު ވެސް ދަނީ ހޮސްޕިޓަލަށް ހަމަލަ ދެމުންނެވެ. ހޮސްޕިޓަލުގެ އެމްބިޔުލާންސަކަށް ވެސް ހަމަލަ ދީފައިވެއެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 13,300 އަށް އަރާފައިވާއިރު، އޭގެ ތެރޭގައި 5,500 އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި، 3,300 އަށްވުރެ ގިނަ ޢަދަދެއްގެ އަންހެނުން ހިމެނެއެވެ. މި އުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 30,000 އަށް އަރާފައެވެ. ޔަހޫދީންގެ ލާއިންސާނީ ޖަރީމާތައް ހިންގަމުން މި ދަނީ އެމެރިކާގެ އެހީތެރިކަމާ އެކުގައި ކަން ފާހަގަކޮށްލަން ޖެހެއެވެ.