ޚަބަރު

ސިއްޙީ ދާއިރާއަށް ބަންގްލާދޭޝްއިން ދޭ އެހީއާ ބެހޭ މަޝްވަރާތައް


ރާއްޖޭގެ ސިއްޙީ ދާއިރާ ކުރިއެރުވުމަށް ބަންގްލާދޭޝް ސަރުކާރުން ވެދިނުމަށް އެއްބަސްވެފައިވާ އެހީގެ ކަންތައް ކުރިޔަށްދާގޮތް ބެލުމަށް އުފައްދާފައިވާ ޖޮއިންޓް ވާރކިންގ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

ދެހާސް ސާދަވަނަ އަހަރު ވެފައިވާ އެއްބަސްވުމުގެ ދަށުން ބަންގްލާދޭޝް އިން މުހިންމު ހަތަރު ދާއިރާއަކުން ރާއްޖެއަށް އެހީތެރިވާނެއެވެ. މިދާއިރާތަކުގެ ތެރޭގައި ދިވެހި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން ފަންނީ މީހުން ބިނާ ކުރުމަށް އެހީތެރިވުމާއި، ރާއްޖެއަށް ބޭނުންވާ މެޑިކަލް ޑޮކްޓަރުންނާ ސްޕެޝަލިސްޓް ޑޮކްޓަރުން ހޯދުމަށް އެހީތެރިވުން ހިމެނެއެވެ. މީގެ އިތުން ރާއްޖެއަށް ބޭނުންވާ ބޭހާއި މިފަދަ އެހެން ތަކެތި ހޯދުމަށް އެހީތެރިމުވާއި ރާއްޖޭގައި ހެލްތު އިންފޮމޭޝަން ސިސްޓަމެއް ގާއިމް ކުރުމަށް އެހީތެރިވުންވެސް އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދެވޭނެއެވެ.

ވަރކިންގ ކޮމިޓީގެ މިއަދުގެ ސެޝަންގައި މައިގަޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ ސިއްހީ ދާއިރާއިން ދިވެހިން ތަމްރީން ކުރުމަށް އެހީތެރިވުމުގެ ގޮތުން ކަމަށް ހެލްތު މިނިސްޓްރީ އިން މައުލޫމާތު ދެއްވައެވެ. މިގޮތުން ޑޮކްޓަރުކަން ކިޔެވުމަށް ކޮންމެ އަހަރަކު ފަސް ފުރުސަތު ހަމަޖައްސާ ދިނުމަށް ބަންގްލާދޭޝްއިން އެއްބަސްވެފައިވާ ކަމަށް ހެލްތު މިނިސްޓްރީ އިން ވިދާޅުވެއެވެ. މީގެ އިތުރުން ދިވެހި ޑޮކްޓަރުންނަށް އިންޓަރންޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތު ހޯދައިދިނުމަށްވެސް އެއްބަސްވެފައިވެއެވެ. އަދި ނަރސިންގގެ ދާއިރާއިން ސްޕެޝަލައިޒްވުމަށް ކޮންމެ އަހަރަކު ފަސް ފުރުސަތު ހޯދައިދިނުމަށްވެސް ވަނީ އެއްބަސްވެފައެވެ.

މިއަދުގެ ވާރކިން ގްރޫޕްގެ ބައްދަލުވުމުގެ ކުރިން ބަންގްލާދޭޝް ގެ ބައިވެރިން ވަނީ މިނިސްޓަރ އޮފް ހެލްތު އިރުތިޝާމް އާދަމްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. ބަންގްލާދޭޝް ސަރުކާރުން ރާއްޖޭގެ ސިއްހީ ދާއިރާ ކުރި އެރުވުމަށް ދެއްވާ އެއްބާރުލުމާއި އެހީތެރި ކަމަށްޓަކާ މި ބައްދަލުވުމުގައި މިނިސްޓަރ އިރުތިޝާމް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ.

ރާއްޖޭގެ ސިއްހީ ދާއިރާ އަށް ބޭނުންވާ ދިވެހިން ތަމްރީން ކުރުމަށް ބަންގްލާދޭޝް އިން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭކަން ސިއްހީ ވުޒާރާއިން ފާހަގަ ކުރައްވައެވެ.