ކުޅިވަރު

ފުވައްމުލަކުގައި ޖޫނިއަރ ކްރިކެޓް ކާނިވަލެއް ބާއްވައިފި


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ފުވައްމުލައް ސިޓީގައި ޖޫނިއާ ކްރިކެޓް ކާނިވަލެއް ބާއްވައިފިއެވެ.

ކްރިކެޓް ބޯޑުގެ ޑިވަލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށްދިޔަ މި ހަރާކާތުގައި ފުވައްމުލައް ސިޓީގެ މުޙައްމަދު ޖަމާލުއްދީން ސުކޫލް އަދި ބްރައިޓްވޭ އިންޓަނޭޝަނަލް ފުވައްމުލައް ސުކޫލް ވަނީ ބައިވެރިވެފައެވެ. ފުވައްމުލަކުގެ ކްރިކެޓް ދަނޑުގައި ކުރިއަށްދިޔަ މި ފެސްޓީވަލުގައި ވަނީ ދެ ސުކޫލަކުން 200 ވުރެ ގިނަ ދަރިވަރުން ބައިވެރިވެފައެވެ.

ހަ އަހަރާއި 11 އަހަރުގެ އުމުރުފުރާތަކަށް އަމާޒުކުރެވިގެން ކުރިއަށްދިޔައި މި ހަރަކާތުގައި ކްރިކެޓާ ގުޅުންހުރި ތަފާތު އެކި އަށް ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. ގުރޫޕުތަކަކަށް ބަހާލެވުނު މި ފެސްޓިވަލުގެ ހަރަކާތްތަކުގައި ޖޫނިއާ ކުޅުންތެރިންނާއެކު 25 ށްވުރެ ގިނަ ސީނިއާ ކުޅުންތެރިންވެސް ވަނީ ބައިވެރިވެފައެވެ.

ފުވައްމުލަކުގައި ޖޫނިއާ ކްރިކެޓް ކާނިވަލެއް ބޭއްވިއިރު، މީގެ ކުރިންވެސް ފުވައްމުލައް ސިޓީ ކައުންސިލާ ގުޅިގެން ކްރިކެޓް ކުރިއެރުވުމަށްޓަކައި ވަނީ ގިނަ ހަރަކާތްތަކެއް ރާވާ ހިންގާފައެވެ.

މީގެ އިތުރުން މި މަހުގެ ފަހުކޮޅު ހުޅުމާލޭގައި ރެހެންދި ސުކޫލާ ގުޅިގެން ކްރިކެޓް ބޯޑުން އަންނަނީ އިތުރު ޖޫނިއާ ކްރިކެޓް ކާނިވަލެއް ބާއްވަން ތައްޔާރުވަމުންނެވެ.