ކުޅިވަރު

ދިވެހި ޕްރިމިއާ ލީގުން ގްރީން ސްޓްރީޓްސްވެސް ވަކިވެއްޖެ


އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ ބާކީ އޮތް ބައިގައި ވާދަނުކުރަން ނިންމައި، ކުލަބު ގްރީން ސްޓްރީޓްސްވެސް ލީގުން ވަކިވެއްޖެއެވެ.

ގްރީން ސްޓްރީޓްސްއިން މިގޮތަށް ނިންމައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ރޭ ސިޓީއެއް ފޮނުވާފައިވާއިރު، މިއަދުގެ ވަގުތެއްގައި އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ. ޖަވާ ވިދާޅުވީ ލީގުން ވަކިވާން ގްރީން ސްޓްރީޓްސްއިން ނިންމީ، މާލީ މައްސަލަތާ ހުރެ އެ ޓީމަށް ލީގުގައި ކުރިއަށް ދެވޭނެ ހާލަތެއް ނެތުމުން ކަމަށެވެ.

ލީގުން ވަކިވާން ގްރީން ސްޓްރީޓްސްއިން ނިންމިއިރު، ދާދި ފަހުން ކުލަބު ވެލެންސިއާވެސް ވަނީ ލީގުން ވަކިވެފައެވެ. ވެލެންސިއާވެސް ލީގުން ވަކިވެފައިވަނީ މާލީ ދަތިކަމާ ގުޅިގެންނެވެ. ލީގުން ވަކިވިކަން އިއުލާންކޮށް ވެލެންސިއާއިން އެ ފަހަރު ނެރުނު ނޫސް ބަޔާނުގައި ވަނީ ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކުލަބަކަށް އެއް މިލިޔަން ރުފިޔާ ދިނުމަށް ކުރީގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވީ ވައުދު ފުއްދުމުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ކުލަބުތަކުގެ މެދުގައި ތަފާތުކޮށްފައިވާ ކަމަށް ބުނެފައެވެ.

އެގޮތުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ކުލަބު އީގަލްސް އާއި، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަދި ބުރު ސްޕޯޓްސް ކުލަބަށް އެއް މިލިޔަން ރުފިޔާ ދީފައިވީ ނަމަވެސް، ވެލެންސިއާ އާއި، ޓީސީ ސްޕޯޓްސް ކުލަބާއި، ގްރީން ސްޓްރީޓްސް އަދި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ވުޒާރާއިން ދިނީ ކޮންމެ ކުލަބަކަށް ދެ ލައްކަ ފަންސާސް ހާސް ރުފިޔާއެވެ.

ލީގުގެ ބާކީ އޮތް ބައިގައި ވާދަނުކުރަން ގްރީން ސްޓްރީޓްސްއިން ނިންމާފައިވާއިރު، މިހާރު ކުރިއަށްދަނީ ލީގުގެ ދެވަނަ ބުރުގެ ކުޅުމެވެ. ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުގެ ތެރެއިން އެންމެ މެޗަކުން ގްރީން ސްޓްރީޓްސް މޮޅުވެފައިވާއިރު، އެ ޓީމު އޮތީ ތާވަލުގެ ފުލުން ދެވަނައިގައި ފަސް ޕޮއިންޓާއެކުއެވެ. ތާވަލުގެ ފުލުގައި އޮތް ދެ ޓީމު ކަމަށްވާ ގްރީން ސްޓްރީޓްސް އާއި ވެލެންސިއާ ލީގުން ވަކިވުމާއެކު، ލީގުގެ ކުޅުން ދެން ކުރިއަށްދާނީ ހަ ޓީމާއެކުއެވެ.