ކުޅިވަރު

ސްޕެއިން މޮޅުވިއިރު، ގަވީއަށް އަނިޔާވެއްޖެ


ޔޫރޯ 2024 ކޮލިފައިން ގުރޫޕް އޭގައި ރޭ ޖޯޖިއާ އަތުން ސްޕެއިން މޮޅުވިިއިރު، އެ ޓީމުގެ ޒުވާން މިޑްފީލްޑަރު ގަވީއަށް އަނިޔާވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން ސްޕެއިން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި އުމުރުން 19 އަހަރުގެ ގަވީގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ގުޅިގެން އޭނާ ވަނީ ބަދަލުކޮށްފައެވެ. މި އަނިޔާގެ ތަފުސީލެއް މިހާތަނަށް ލިބިފައި ނުވި ނަމަވެސް، ކަކުލަށް ލިބުނު ސީރިއަސް އަނިޔާއާ ގުޅިގެން ގަވީއަށް މި ސީޒަނުގެ ބާކީ ބައިގައި ދެން ނުކުޅެވޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރޭގެ މެޗުގައި ސްޕެއިނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮބިން ލެ ނޯމަންޑެވެ. އެކަމަކު މެޗުގެ 10 ވަނަ މިނެޓުގައި ނަޕޯލީގެ ފޯވާޑް ޚިވިޗާ ކަވާރަޓްސްޚޭލިއާ ވަނީ ލަނޑެއް ޖަހައި، ޖޯޖިއާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

މި މެޗުގައި ސްޕެއިނުން އަލުން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެރާން ޓޮރޭސްއެވެ. އަދި މެޗުގެ 72 ވަނަ މިނެޓުގައި ސްޕެއިނުން ލީޑު ފުޅާކުރިއިރު، މި ލަނޑަކީ ޖޯޖިއާގެ ޑިފެންޑަރު ލޫކާ ލޮޗޮޝްވިލީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި މޮޅާއެކު ސްޕެއިނުން ކޮލިފައިންގެ މެޗުތައް ނިންމާލީ ކުޅުނު އަށް މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެ 21 ޕޮއިންޓާއެކު އެއްވަނައިގައި އޮވެގެންނެވެ. އަދި ސްޕެއިން އަތުން ބަލިވި ޖޯޖިއާ ކޮލިފައިންގެ މެޗުތައް ނިންމާލީ ކުޅުނު އަށް މެޗުން ލިބުނު އަށް ޕޮއިންޓާއެކު ގުރޫޕުގެ ހަތަރުވަނައިގައެވެ.

މި ގްރޫޕުގެ އަނެއް މެޗުގައި ރޭ ސްކޮޓްލަންޑާއި ނޯވޭ ބައްދަލުކުރި މެޗު ނިމުނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެއާއެކު ޔޫރޯއަށް ކޮލިފައިވެފައިވާ ސްކޮޓްލަންޑް އޮތީ ތާވަލުގެ ދެވަނައިގައި އަށް މެޗުން 17 ޕޮއިންޓާއެކުއެވެ. އަދި ނޯވޭ އޮތީ ތާވަލުގެ ތިންވަނައިގައި އަށް މެޗުން 11 ޕޮއިންޓާއެކުއެވެ.