ކުޅިވަރު

އައިސްލަންޑް ބަލިކޮށް ޕޯޗުގަލަށް ސައްތައިން ސައްތަ ރިކޯޑެއް


ޔޫރޯ 2024 ކޮލިފައިން ގުރޫޕް ޖޭގައި ރޭ އައިސްލަންޑް ބަލިކޮށް، ޕޯޗުގަލުން ސައްތައިން ސައްތަ ރިކޯޑެއް ހަދައިފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުން ޕޯޗުގަލް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން ޕޯޗުގަލް މޮޅުވިއިރު، މި ފަހަރުގެ ކޮލިފައިންގައި ކުޅުނު 10 މެޗުންވެސް އެ ޓީމު ވަނީ މޮޅުވެފައެވެ. މިއީ ޔޫރޯ ކޮލިފައިންގައި ހުރީހާ މެޗަކުން ޕޯޗުގަލް މޮޅުވި ފުރަތަމަ ފަހަރެވެ.

ރޭ ކުޅުނު މެޗުގެ ފުރަތަަމަ ހާފުގައި ޕޯޗުގަލުން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މެޗުގެ 37 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. ބެނާޑޯ ސިލްވާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ޖަހައިދިނީ މިޑްފީލްޑަރު ބްރޫނޯ ފެނާންޑޭޒެވެ. މި މެޗުގައި ޕޯޗުގަލުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ 66 ވަނަ މިނެޓުގައެވެ. ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ އެހީއާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ރިކާޑޯ ހޯޓާއެވެ.

މި މޮޅާއެކު ޕޯޗުގަލުން ކޮލިފައިންގެ މެޗުތައް ނިންމާލީ ކުޅުނު 10 މެޗުން ވެސް މޮޅުވެ 30 ޕޮއިންޓާއެކު އެއްވަނައިގައެވެ. އަދި އެ ޓީމުުން ކުޅުނު 10 މެޗުގެ ތެރެއިިން ނުވަ މެޗުގައި ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފަހައްޓާލިއިރު، މި 10 މެޗުގައި ޕޯޗުގަލުން ވަނީ 36 ލަނޑު ކާމިޔާބުކޮށްފައިވެއެވެ. އަދި އެ ޓީމުގެ ކޮޅަށް ވަދެފައިވަނީ އެންމެ ދެ ލަނޑެވެ. ރޭ ޕޯޗުގަލް އަތުން ބަލިވި އައިސްލަންޑުން ކޮލިފައިންގެ މެޗުތައް ނިންމާލީ ކުޅުނު 10 މެޗުން ލިބުނު 10 ޕޮއިންޓާއެކު ގުރޫޕުގެ ހަތަރުވަނައިގައެވެ.