ކުޅިވަރު

މާޒިޔާއިން ޔޫވީ ކޮޅަށް 11 ލަނޑު ޖަހައިފި


އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ކޮޅަށް 11 ލަނޑު ޖަހައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުން މާޒިޔާ މޮޅުވީ 11-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

މި މެޗުގައި މާޒިޔާގެ ފޯވާޑް ހަމްޒާ މުޙައްމަދު (ހަމްޕު) ހަތަރު ލަނޑު ޖެހިއިރު، ސާބިއާގެ ފޯވާޑް ވޮޖިސްލާފް ބަލަބަނޮވިޗް ވަނީ ހެޓްރިކެއް ހަދާފައެވެ. އެގޮތުން ބަލަބަނޮވިޗް އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑު މެޗުގެ 32 ވަނަ މިނެޓުގައި ކާމިޔާބުކުރިއިރު، އޭގެ ހަ މިނެޓު ފަހުން ބަލަބަނޮވިޗް ވަނީ ދެވަނަ ލަނޑެއް ޖަހާފައެވެ. އަދި އޭނާ ހެޓްރިކް ފުރިހަމަކޮށްފައިވަނީ ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާއިން ހަ ލަނޑު ކާމިޔާބުކުރިއިރު، މި ހާފުގައި އެ ޓީމުގެ އަނެއް ތިން ލަނޑު ޖަހައިދިނީ ޖަޕާނުގެ މިޑްފީލްޑަރު ޓޮމާކީ ވަޑާ އާއި، ފޯވާޑް ހަސަން ރާއިފް އަޙްމަދު (ހަންނަ) ގެ އިތުރުން ނާއިޒް ހަސަން (ދާދު) އެވެ.

މި މެޗުގެ ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި މާޒިޔާއިން ވަނީ ހަތްވަނަ ލަނޑެއް ޖަހާފައެވެ. މިއީ ހަންނަ ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޔޫވީގެ ގޯލްކީޕަރު އިބްރާހީމް ފައިރޫޝް ފައިސަލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ.އޭގެ ފަހުން މި މެޗުގައި ޔޫވީއަށް އިތުރު މައްސަލަތައް ދިމާވީ ކީޕަރު ފައިރޫޝަށް އަނިޔާވެ އޭނާ ބަދަލުކުރަން ޖެހުމުންނެވެ. އެއާއެކު އެ ޓީމު ބެންޗުގައި އިތުރު ކީޕަރެއް ނެތުމުން، މެޗުގެ ފަހު ބައިގައި ގޯލު ބެލެހެއްޓީ ޑިފެންޑަރު މުޙައްމަދު ފާރިޝްއެވެ.

މި މެޗުގެ ދެވަނަ ހާފުގައި މާޒިޔާގެ ފޯވާޑް ހަމްޕު ހަތަރު ލަނޑު ޖެހިއިރު، އޭނާ ކުޅެން ނުކުމެފައިވަނީ މި ހާފުގެ ކުރީކޮޅު ދާދުގެ ބަދަލުގައެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައިގައި މާޒިޔާ އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 25 ޕޮއިންޓާއެކުވެ. ދެ މެޗު މަދުން ކުޅެ މާޒިޔާ ދެވަނައިގައި އޮތްއިރު، އެއްވަނައިގައި އޮތީ 29 ޕޮއިންޓް ހޯދާފައިވާ ކުލަބު އީގަލްސްއެވެ. އަދި ޔޫވީ އޮތީ ތާވަލުގެ ފުލުން ތިންވަނައިގައި 11 މެޗުން ލިބުނު ހަ ޕޮއިންޓާއެކުއެވެ.