ކުޅިވަރު

ޒެމްބިއާ މުބާރާތުން އަޖުފާނާއި ނިބާލްގެ ޕެއާއަށް ލޯ މެޑަލް


ޒެމްބިއާ އިންޓަނޭޝަނަލް ބެޑްމިންޓަން ސީރީސްގެ ޑަބަލްސް އިވެންޓުގައި ވާދަކޮށް ރާއްޖޭގެ މުޙައްމަދު އަޖުފާން ރަޝީދާއި ނިބާލް އަޙްމަދުގެ ޕެއާ ލޯބް މެޑަލް ހޯދައިފިއެވެ.

ޒެމްބިއާގެ ލުސާކާގައި ކުރިއަށްދިޔަ މި މުބާރާތުގައި ރާއްޖެއިން ވާދަކުރީ އަޖުފާން އާއި ނިބާލް އެކަންޏެވެ. މި ދެ ކުޅުންތެރިންނަށް މި މުބާރާތުގެ ފިރިހެން ޑަބަލްސްއިން ލޯ މެޑަލް ލިބުނީ ސެމީ ފައިނަލުގައި މެލޭޝިއާގެ ޗޮކް ކެން ވެއި އާއި އެންޑީ ޔޫ ޓޮންގެ ޕެއާ އަތުން ދެ ސެޓުން ބަލިވުމުންނެވެ. މި މެޗުގެ ސެޓުތައް މެލޭޝިއާގެ ޕެއާއިން ގެންދިޔައީ 21-11 އަދި 21-14 އިންނެވެ.

ޑަބަލްސް އިވެންޓުގެ ސެމީ ފައިނަލުން އަޖުފާން އާއި ނިބާލް ޖާގަ ހޯދީ ކުއާޓާ ފައިނަލުގައި ޒެމްބިއާގެ ޓަކޮންޑްވާ ޖުބްވޫ އާއި ޕީޓާ ޕޮހޯގެ ޕެއާ ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. އެ މެޗުގެ ސެޓުތައް ރާއްޖޭގެ ޕެއާއިން ގެންދިޔައީ 21-10 އަދި 21-8 އިންނެވެ.

މީގެ އިތުރުން މި ދެ ކުޅުންތެރިން ވަނީ މި މުބާރާތުގެ ފިރިހެން ސިންގަލްސްގެ މެއިން ޑްރޯގައިވެސް ވާދަކޮށްފައެވެ. އެގޮތުން ސިންގަލްސްއިން ނިބާލް ކެޓީ ތައިލެންޑުގެ ރަޗަޕޯލް ސްރިތޮން އަތުން ދެ ސެޓުން ބަލިވުމުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-17 އަދި 21-16 އިންނެވެ. އަދި ސިންގަލްސް ބައިން އަޖުފާން ކެޓީ ދެވަނަ ބުރުގައި އެމެރިކާގެ އާރޮން ބައި އަތުން ދެ ސެޓުންނެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-19 އަދި 21-5 އިންނެވެ.