ކުޅިވަރު

ނެދަލޭޑްސްއިން ފަހަތުން އަރާ އިންގްލެންޑް ބަލިކޮށްފި


ފަހަތުން އަރާ އިންގްލެންޑްގެ މައްޗަށް ނެދަލޭންޑްސް ކުރި ހޯދައިފިއެވެ. 

ރޭ ކުޅުނު ބައިނަލްއަޤްވާމީ އެކުވެރިކަމުގެ މެޗުގައި އިންގްލެންޑްގެ މައްޗަށް ނެދަލޭންޑްސް ކުރި ހޯދީ 2-1 ނެވެ. 

މެޗުގައި އިންގްލެންޑްގެ ގޯލް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖަހައިދިނީ ޖެމީ ވާޑީއެވެ. ނެދަލެންޑްސްއިން މެޗުގައި ފުރަތަމަ ފަހަރަށް ނަތީޖާ ހަމަހަމަކުރީ އެޓީމަށް ލިބުނު ޕެނަލްޓީއަކުން ވިންސެންތް ޔަންސެންގެ ގޯލުންނެވެ. މެޗު ނިމެން ތޭރަ މިނެޓަށް ވެފައިވަނިކޮށް ހޮލެންޑް މެޗުން މޮޅުކޮށްދިން ލަނޑު ޖަހައިދިނީ ލޫސިއާނޯ ނާސިންއެވެ.

 ރޭގެ މެޗަށްފަހު އިންގްލެންޑްގެ ކޯޗް ރޮއީ ހޮޖްސަން ބުނީ މެޗުން ބަލިވީ އޭނާގެ ޓީމަށް ނުކުޅެވިގެންކަމަށާއި، ނަސީބުވެސް މިރޭގެ މެޗުގައި އެހީ ނުވީކަމަށެވެ. އޭނާ ބުނީ އާ ކުޅުންތެރިންތަކާއިއެކު ޓީމް އަންނަނީ ވަރަށް ރަނގަޅަށް ބައްޓަންވަމުންކަމަށާއި، ޔޫރޯގެ ކުރިން އިތުރު ކުޅުންތެރިން ޓެސްޓްކުރަން އަދިވެސް ބޭނުންވާކަމަށެވެ. 

"މިއަދުގެ މެޗު ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް ފައިނަލް ތާޑްގައި އެކަށީގެންވާވަރުގެ ކުޅުމެއް ނުދެއްކުނު. އާ ކުޅުންތެރިން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުން، ޔޫރޯގެ ކުރިން އިތުރު ކުޅުންތެރިން ޓެސްޓް ކުރާނަން" ހޮޖްސަން ބުންޏެވެ.

ޖޫން މަހު ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކުރިން އިންގްލެންޑް އެކުވެރިކަމުގެ ތިން މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އެއީ ތުރްކީ، އޮސްޓްރޭލިއާ އަދި ޕޯޗުގަލްއާއި ދެކޮޅަށް ކުޅޭ ތިން މެޗެވެ.