ޚަބަރު

ޣައްޒާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު 12,000 އަށް


ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޖަރީމާގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު 12,000 އަށް އަރައިފިއެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 5,000 އަށްވުރެ ގިނަ ޢަދަދަކަށް މައުސޫމު ކުޑަކުދިން ހިމެނެއެވެ.

ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ބުނީ، މި ހަމަލަތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 3,300 އަންހެނުންނާއި ގިނަ ޢަދަދެއްގެ އުމުރުން ދުވަސްވީ މީހުން ހިމެނޭ ކަމުގައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު ވަނީ 30,000 އަށް އަރާފައެވެ. ޣައްޒާގެ ހާލަތު މި ވަގުތު އޮތް ގޮތުން، އެ މީހުންނަށް ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ވަނީ ހުރަސް އެޅިފައެވެ. ޣައްޒާގައި ހިންގާ 35 ހޮސްޕިޓަލުގެ ތެރެއިން 18 ހޮސްޕިޓަލެއް މިހާރު ވަނީ ބަންދު ކޮށްފައެވެ.

ޔަހޫދީންގެ އުދުވާނުގައި އެންމެ ފަހުން ހަމަލަތައް އަމާޒު ކޮށްފައި ވަނީ އ.ދގެ ދެ ސްކޫލަކަށެވެ. ފަލަސްޠީނުގެ ރެފިއުޖީންނާ ބެހޭ އ.ދގެ އިދާރާ [ޔޫ.އެން ރިލީފް އެންޑް ވަރކްސް އޭޖެންސީ (ޔޫ.އެން.އާރް.ޑަބްލިޔު.އޭ)]ން ހިންގާ އެ ދެ ސްކޫލަކީ، ޔަހޫދީންގެ ހަމަލަތަކުގައި ގެދޮރު ނެތިފައިވާ އެތަކެއް ހާސް ބަޔަކަށް ހިޔާވަހިކަމާއި ރައްކާތެރިކަން ފޯރުކޮށްދެމުން ދިޔަ ދެ ސްކޫލެވެ.

ޔަހޫދީން ހަމަލަ ދީފައި ވަނީ ޖަބާލިޔާ ރެފިއުޖީ ކޭމްޕުގައި ހުންނަ އަލް-ފަޚޫރް ސްކޫލާއި ތަލް އަލް-ޒައަތަރީގައި ހުންނަ ސްކޫލަކަށެވެ. ޣައްޒާގެ އުތުރުގައި ހުންނަ އެ ދެ ސްކޫލަށް ދިން ހަމަލަތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވާ ކަމަށާއި، އެތަކެއް ސަތޭކަ ބަޔަކު ޒަޚަމު ކޮށްލާފައިވާ ކަމުގައި ޔޫ.އެން.އާރް.ޑަބްލިޔު.އޭން ބުނެއެވެ.

އަލް-ފަޚޫރް ސްކޫލަށް ދީފައިވާ ހަމަލާގައި 50 އަށްވުރެ ގިނަ މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، ތަލް އަލް-ޒައަތަރީގައި ހުންނަ ސްކޫލަށް ދީފައިވާ ހަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު އަދި ސާފެއް ނޫނެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނޭ ކަމުގައި ރިޕޯޓުތައް ބުނެއެވެ.

"[އ.ދއިން ހިންގާ ސްކޫލްތަކަށް ދޭ] މި ފަދަ ހަމަލަތައް ޢާންމުވިޔަ ދީގެން ނުވާނެ. އެ ކަން ހުއްޓުވަން ޖެހޭ. ޣައްޒާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން [ޔަހޫދީންގެ] ހަމަލަތައް ވަގުތުން މެދުކަނޑައިލަން ޖެހޭ،" ޔޫ.އެން.އާރް.ޑަބްލިޔު.އޭގެ ކޮމިޝަނަރ-ޖެނެރަލް ފިލީޕް ލެޓްޒަރީނީ ވިދާޅުވިއެވެ. އ.ދގެ ދެ ސްކޫލަކަށް ހަމަލަދީ ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވާ ކަން ހާމަކުރި ނަމަވެސް އެ ކަމާ މެދު އެއްޗެއް ބުނަން ޔަހޫދީން ދަނީ ދެކޮޅު ހަދަމުންނެވެ.