އަލީ އަޝްފާޤްގެ ދެ ގޯލާއެކު ބޫޓާންގެ މައްޗަށް ކުރި ހޯދާ ވަރލްޑްކަޕް ކޮލިފައިންގެ ފަހު މެޗް ދިވެހިރާއްޖެއިން ކާމިޔާބުކޮށްފިއެވެ.
ވަރލްޑް ކަޕް ކޮލިފައިންގައި ފަހު މެޗް ރާއްޖެއިން ކާމިޔާބުކުރީ މިރޭ ބޫޓާންގެ މައްޗަށް 4-2 ން ކުރި ހޯދައިގެންނެވެ. މެޗްގެ ހަތްވަނަ މިނެޓްގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ ބޫޓާނުންނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޗެންޗޯއެވެ. އެހެންނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ރާއްޖޭގެ އަސަދުﷲ އަބުދުﷲ ލަނޑެއް ކާމިޔާބުކޮށްދީ މެޗްގެ ނަތީޖާ ހަމަހަމަކޮށްދިނެވެ. ދެވަނަ ހާފްގެ ތިންވަނަ މިނެޓްގައި ބޫޓާންއަށް ލިބުނު ޕެނަލްޓީއެއް ޑޯޖީ ކާމިޔާބުކޮށްދީގެން ދެވަނަ ފަހަރަށް އެ ޓީމުން މެޗްގެ ލީޑް ނެގިއެވެ. ރާއްޖޭގެ ފަހު ތިން ލަނޑު ކާމިޔާބުކުރީ މެޗް ނިމެން ދިހަ މިނެޓަށްވެފައިވަނިކޮށެވެ. މެޗުން އެއްވަރުކޮށްދިން ލަނޑާ ފަހު ލަނޑު ކާމިޔާބުކޮށްދިނީ ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާޤުއެވެ. އަޝްފާޤް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. ރާއްޖޭގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ހަސަން ނާއިޒްއެވެ. މި ގްރޫޕްގައި ޗައިނާއާ ގަތަރު ބައްދަލުކުރި މެޗް ދެ ލަނޑު ސުން ލަނޑުން ކާމިޔާބުކުރީ ޗައިނާއެވެ.
ރާއްޖެ ގްރޫޕް ސްޓޭޖްގެ މެޗުތައް ނިންމާލީ 6 ޕޮއިންޓާއެކު ގްރޫޕްގެ 4 ވަނައިގައި އޮވެގެންނެވެ. ރާއްޖެ ކާމިޔާބުކުރި ދެމެޗަކީވެސް ބޫޓާނާއި ވާދަކުރި ދެމެޗެވެ. ޕޮއިންޓެއް ނުލިބި ގްރޫޕްގެ ފުލުގައި އޮތީ ބޫޓާނެވެ. މިގްރޫޕްގެ އެއްވަނަ ހޯދީ ޤަޠަރެވެ. ދެވަނަ ހޯދީ ޗައިނާއެވެ.