ޔޫކްރެއިންގެ ދެކުނުގައިވާ ރަށްތަކުގެ ތެރެއިން ރަޝިޔާގެ އިސްތިޢުމާރީ ސިފައިން އަތްގަދަ ކޮށްފައިވާ ބައެއް ސަރަޙައްދުތައް މިނިވަން ކޮށްފައިވާ ކަމަށް ޔޫކްރެއިނުން ބުނެފިއެވެ. ޔޫކްރެއިންގެ މެރިން ކޯއިން ބުނީ، ދްނީޕްރޯ ކޯރުގެ އިރުމަތީ އައްސޭރިފަށުގެ ސަރަޙައްދުތަކުގައިވާ ބައެއް ރަށްތަކާއި އަވަށްތައް ރަޝިޔާ ސިފައިންގެ އަތްދަށުން މިނިވަން ކޮށްފައިވާ ކަމުގައެވެ. އެ ސަރަޙައްދުތަކުގެ ތެރޭގައި ދްނީޕްރޯ ކޯރު ހުރަސް ކުރަން ބޭނުން ކުރާ ބައެއް ބުރިޖުތައް ހުންނަ ސަރަޙައްދުތައް ހިމެނޭ ކަމުގައި ވެސް ޔޫކްރެއިނުން ބުނެއެވެ.
2022 ފެބްރުވަރީ 24 ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައިގައި އެ ޤައުމުގެ އިރުމައްޗާއި ދެކުނުގައިވާ ބައެއް ސަރަޙައްދުތަކަށް ވަނީ އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި އިރުމަތީގައި އޮންނަ ދޮނެޓްސްކާއި ލުހާންސްކްގެ އިތުރުން ދެކުނުގައިވާ ޒަޕޮރީޜިޔާ ހިމެނެއެވެ. ޔޫކްރެއިނުން ދަނީ އެ ސަރަޙައްދުތައް މިނިވަން ކުރަން ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ހަމަލާގެ އަސްކަރީ ކެމްޕޭނެއް ފަށާފައެވެ.
ދްނީޕްރޯ ކޯރުގެ ބައެއް ސަރަޙައްދުތައް މިނިވަން ކޮށްފައި މި ވަނީ ކައުންޓަރއޮފެންސިވްގެ ދަށުންނެވެ. ޔޫކްރެއިންގެ މެރިން ކޯއިން ބުނީ ދެކުނުގައި އޮންނަ ޚަރްސަންގައި ދްނީޕްރޯ ކޯރުގެ އައްސޭރިފަށުގެ ސަރަޙައްދުތައް މިނިވަން ކުރުމަށް ޚާއްޞަ އަސްކަރީ އޮޕަރޭޝަނެއް ހިންގަމުންދާ ކަމުގައެވެ. އަދި، މި އޮޕަރޭޝަންގެ ދަށުން ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ވަރުގަދަ ހަމަލަތަކެއް ދީފައިވާނެ ކަމުގައި ވެސް ޔޫކްރެއިނުން ބުނެއެވެ.
ޚަރްސަންގެ ހުޅަނގުގައިވާ ސަރަޙައްދުން ރަޝިޔާގެ ފައުޖުތަކުން ފަހަތަށް ޖައްސާފައި ވަނީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ. އެއަށްފަހު ރަޝިޔާގެ ފައުޖުތަކުން ވަނީ ދްނީޕްރޯ ކޯރުގެ އިރުމަތީގައިވާ ސަރަޙައްދުތަކުގައި އަސްކަރީ މަރުކަޒުތައް ގާއިމުކޮށްފައެވެ. ދްނީޕްރޯ ކޯރުގެ އިރުމަތީ ފަޅީގައި އޮތް ބައެއް ރަށްތައް ޔޫކްރެއިންގެ ފައުޖުތަކުން މިނިވަން ކޮށްފައިވާ ކަން ރަޝިޔާއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ޚަރްސަންގައި ތިބޭ ރަޝިޔާގެ އޮފިޝަލުން ބުނީ، ކްރިންކްރީ ކިޔާ ރަށަކަށް އެރި ޔޫކްރެއިންގެ ފައުޖުތަކާ ދެކޮޅަށް ރަޝިޔާގެ ސިފައިން ވަރުގަދަ ހަމަލަތަކެއް ދީފައިވާ ކަމުގައެވެ.
މި ހަނގުރާމައިގެ ދަށުން ރަޝިޔާއިން ދަނީ މެދުކެނޑުމެއް ނެތި ޔޫކްރެއިންގެ ރަށްތަކަށް ވައިގެ ހަމަލަތައް ވެސް ދެމުންނެވެ. ޔޫކްރެއިންގެ ވައިގެ ސިފައިން ބުނީ، ރަޝިޔާއިން ދީފައިވާ ޑްރޯން ހަމަލަތަކެއް ދިފާޢުކޮށްފައިވާ ކަމުގައެވެ. މި ގޮތުން، ރަޝިޔާގެ 10 ޑްރޯން ދިފާޢުކޮށް، ވައްޓައިލާފައިވާނެ ކަމުގައި ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނެއެވެ. ޑްރޯން ހަމަލަތައް އަމާޒު ކޮށްފައި ވަނީ ދެކުނުގައިވާ މިކޮލައިވާއި އޮދެއްސާގެ އިތުރުން ހުޅަނގުގައިވާ ޚްމިލްނިޓްސްކީގެ ރަށެއް ކަމުގައިވާ ޜިތޯމީރަށެވެ.
ރަޝިޔާގެ ހަމަލަތައް މިހާރު އަމާޒު ކުރަމުން ދަނީ، ޔޫކްރެއިންގައި އުފައްދާ ގޮވާމުގެ ބާވަތްތައް އެކްސްޕޯޓް ކުރަން ބޭނުން ކުރާ ބަނދަރުތައް ހުންނަ ރަށްތަކަށެވެ. އަދި، ބަނދަރުތަކާއި ގޮވާން ރައްކާކުރާ ގުދަން ތަކަށެވެ. ރަޝިޔާގެ ބޭނުމަކީ، ޔޫކްރެއިނުން ގޮވާން އެކްސްޕޯޓު ކުރުމަށް ހުރަސް އެޅުމެވެ. ޖުލައި މަހުގެ ކުރިން ޔޫކްރެއިނުން ގޮވާން އެކްސްޕޯޓު ކޮށްފައި ވަނީ ރަޝިޔާއާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް، ރަޝިޔާއިން ވަނީ ޖުލައި އެ އެއްބަސްވުން އުވައިލާފައެވެ.