ޚަބަރު

ސަޢޫދީ ޢަރަބިއްޔާއިން ޣައްޒާއަށް 133 މިލިއަން ޑޮލަރުގެ އެހީ


ޔަހޫދީންގެ އިސްތިޢުމާރީ އަނިޔާވެރިކަމާ ގުޅިގެން ޣައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދޭން ސަޢޫދީ ޢަރަބިއްޔާއިން ފެށި ކެމްޕޭނަށް 133 މިލިޔަން އެމެރިކާ ޑޮލަރު ލިބިފައިވާ ކަން އެ ޤައުމުން ހާމަކޮށްފިއެވެ. ސަޢޫދީ ޕްރެސް އޭޖެންސީ (އެސް.ޕީ.އޭ)ން ބުނީ، އެ ފަންޑަށް 800,000 އަށްވުރެ ގިނަ ފަރާތުން ފައިސާ ހަދިޔާ ކޮށްފައިވާ ކަމުގައެވެ.

ޣައްޒާގެ މުސްލިމުންނަށް އެހީވުމަށް ފަންޑެއް ހުޅުވާފައި ވަނީ ކިންގް ސަލްމާން ހިޔުމެނިޓޭރިޔަން އެއިޑް އެންޑް ރިލީފް ސެންޓަރ (ކޭ.އެސް.ރިލީފު)ން އިސްނަގައިގެންނެވެ. އެ މަރުކަޒުން ޚާއްޞަ ފަންޑެއް ހުޅުވާފައި ވަނީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒާއި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާންގެ އިސްނެންގެވުމަށެވެ.

އެ ފަންޑަށް ލިބިފައިވާ ފައިސާ ޚަރަދު ކުރަން ހަމަޖެހިފައި ވަނީ ޣައްޒާގައި ހާލުގައި ޖެހިފައިވާ 2.3 މިލިޔަނަށް ވުރެ ގިނަ މުސްލިމުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދޭން ކަމުގައި އެސް.ޕީ.އޭން ބުނެއެވެ. ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ޢަރަބި ޤައުމުތަކާއި މުސްލިމުން ދުނިޔެއިން މަސައްކަތް ކުރަމުންދާއިރު، ޣައްޒާއިން ކާބޯތަކެއްޗާއި ސާފު ބޯފެން މިހާރު ހުސްވެފައިވާ ކަމުގައި އ.ދގެ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު [ވޯލްޑް ފުޑް ޕުރޮގްރާމް (ޑަބްލިޔު.އެފް.ޕީ)]ން ބުނެއެވެ.

ކާބޯތަކެއްޗާއި ފެނުގެ އިތުރުން ބޭސްފަރުވާއަށް ބޭނުންވާ ސާމާނާއި ތެޔޮ ޣައްޒާއަށް އެތެރެ ކުރަން ވެސް ޔަހޫދީން ދަނީ ހުރަސް އަޅަމުންނެވެ. މި ކަމާ ގުޅިގެން ޣައްޒާގެ މުސްލިމުންނަށް ބަނޑުފުރާނަ މުއްތި ކުރެވޭނެ ގޮތް ހުސްވެފައިވާއިރު، ތެޔޮ ހުސްވުމާ ގުޅިގެން ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ކަރަންޓުގެ ޚިދުމަތް ކެނޑި، އެ ތަންތަނުން ޚިދުމަތް ދިނުން ވަނީ ހުއްޓައިލާފައެވެ. ޣައްޒާގައި ހުންނަ 35 ހޮސްޕިޓަލްގެ ތެރެއިން 18 ހޮސްޕިޓަލެއް މި ސަބަބުތަކާ ގުޅިގެން މިހާރު ވަނީ ބަންދުކޮށްފައެވެ.

ޔަހޫދީ ފައުޖުން އަދިވެސް ދަނީ މެދުކެނޑުމެއް ނެތި ޣައްޒާއަށް ބޮން އަޅަމުންނެވެ. އަދި، ޢާންމުންގެ ގެދޮރާއި ހޮސްޕިޓަލްތަކާއި ސްކޫލްތައް ފަދަ ޢިމާރާތްތައް ސުންނާފަތި ކުރަމުންނެވެ. އެމްބިޔުލާންސްތަކަށް ވެސް ޔަހޫދީން ހަމަލަދީ ސުންނާފަތި ކޮށްލާފައިވާއިރު، ޒަޚަމު ކޮށްލާފައިވާ މީހުން ހޮސްޕިޓަލްތަކަށް ގެންދަން ވަނީ ހުރަސް އެޅިފައެވެ.

މި ކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަޢޫދީ ޢަރަބިއްޔާއިން ވަނީ ޣައްޒާއަށް އެމްބިޔުލާންސްތަކެއް ވެސް ހަދިޔާ ކޮށްފައެވެ. އެ ތަކެތި ވަނީ ވައިގެ މަގުން މިޞްރަށް ގެންގޮސްފައެވެ. ނަމަވެސް، އެ އުޅަނދުތައް ޣައްޒާއަށް ވެއްދޭނީ ޔަހޫދީން އެ ކަމަށް ހުއްދަ ދިން ދުވަހަކުންނެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 11,400 އަށް އުފުލިފައެވެ. އަދި، ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 30,000 އަށް އަރައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި 4,700 އަށްވުރެ ގިނަ ޢަދަދެއްގެ މައުސޫމް ކުޑަކުދިން ހިމެނޭ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ އޮފިޝަލުން ހާމަކުރައްވައެވެ.