ޚަބަރު

"ސްކޫލް ވެށި" ޕްރޮގްރާމް އިފްތިތާހް ކޮށްފި


ޕީއެސްއެމްއިން ސްކޫލްކުދިން ބައިވެރިކޮށްގެން ގެނެސްދޭ ސްކޫލްކުދިންނަށް ޚާއްޞަ ޓީވީ އަދި ރޭޑިއޯ ޕްރޮގްރާމް، މިއަދު ރަސްމީ ގޮތުން އިފްތިތާޙުކުރައްވައި، މިއަދު ޕްރޮގްރާމް އެއަރކުރަން ފަށައިފިއެެވެ.

މިއީ، ތަޢުލީމީ ދާއިރާގައި ހިންގަވާ ކަންތައްތަކާއި ސްކޫލްތަކުގައި ހިނގާ ޙަރާކާތްތަކާގުޅޭ މަޢުލޫމާތު ފޯރުކޮށްދެއްވުމުގެ ގޮތުން ގެނެސްދޭ ޕްރޮގްރާމެކެވެ. 

ޕަބްލިކް ސަރވީސް މީޑިޔާ، ޕީއެސްއެމްއިން "ސްކޫލްވެށި"ގެ ނަމުގައި ގެނެސްދޭ މި ޕްރޮގްރާމް ޓީވީއެމާ ދިވެހިރާއްޖޭގެ އަޑުން ވަކިން ތައްޔާރުކޮށް، ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް ގެނެސްދެމުން ގެންދާނެއެވެ. ސްކޫލް ވެށި ޕްރޮގްރާމް އިފްތިތާޙުކޮށްދެއްވީ ސެނެކޯ ރޭޑިއޯ މާލަމްގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. ޢާއިޝަތު ޝިހާމެވެ.

ދުވަސްތަކަށް މެދުކެނޑުމަށްފަހު މިއަދު އިފްތިތާޙުކުރެއްވި ސްކޫލްކުދިންގެ ޕްރޮގްރާމް "ސްކޫލް ވެށި" މި ނަމުގައި މި ފެށީ މާލެއާއި އަތޮޅުތަކުގެ ސްކޫލްތަކުގައި ހިންގާ ތަފާތު އެކި ޙަރަކާތްތަކާއި، ޕްރޮގްރާމްތަކާއި، ތަޢުލީމީ ދާއިރާއިން ކުރާ މަސައްކަތުގެ މައުލޫމާތު ބެލެނިވެރިންނާއި ޢާންމުނާ ހަމަޔަށް ފޯރުކޮށްދެއްވުމަށް ހިންގާ ޕްރޮގްރާމެކެވެ.

މިރަސްމިއްޔާތުގައި އެޑިއުކޭޝަން މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، މި ޕްރޮގްރާމްގެ ޒަރާއާއިން ދަރިވަރުންގެ ހުނަރު ކުރިއަރުވައި ތަރައްޤީކުރުމަށް އެކުދިންނަށް ލިބިގެންދާނެ ފުރުޞަތަކަށް ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޕަބްލިކް ސަރވިސް މީޑިޔާގެ، މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ދެއްކެވި ވާހަކަފުޅުގައި، މީގެ ކުރިންވެސް ދިވެހިރާއްޖޭގެ އަޑާއި ޓީވީއެމްއިން ސްކޫލް ކުދިންނާ ގުޅުހުން ހުރި ގިނަ ޕްރޮގްރާމްތަކެއް ގެނެސްދީފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މި އިފްތިތާޙުކުރުވެނު ސްކޫލްވެށި ޕްރޮގްރާމް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ކުރިން ގެނެސްދިން ޕްރޮގްރާމްތަކަށްވުރެ ފުރިހަމަކޮށް ޒަމާނީ ބަދަލުތަކާ އެކުގައި ކަމަށް ވިދާޅުވިއެވެ.

އިބްރާހީމް ޚަލީލްގެ ވާހަކަފުޅުގައި، މީޑިޔާގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަކީ ތަޢުލީމީ ޤާބިލް ފަންނުވެރި ބަޔަކަށް ހެއްދެއްވުމަކީ ޕީއެސްއެމްގެ މުހިންމު އަމާޒެއްކަން ފާހަގަކުރެއްވިއެވެ. އަދި ސްކޫލް ވެށި ފަދަ ޕްރޮގްރާމްތަކަކީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކުން ވަރަށް އިސްކަމެއް ދެއްވައިގެން ހިންގާ ޕްރޮގްރާމްތަކެއްކަން ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިކްރާމް އަބްދުލް ލަތީފް ދެއްކެވި ވާހަކަފުޅުގައި، ޤައުމަށް އުފެއްދުންތެރި ދަރިވަރުންތަކެއްގެ ބޭނުންޖެހިފައިވާއިރު، މީޑިޔާގެ ދާއިރާގެ ތަފާތު ފަންނުތަށް ސްކޫލް ދަރިވަރުން ތަމްރީނުކުރައްވާންޖެހޭ ކަމަށް ވިދާޅުވިއެވެ. އިކްރާމް ވިދާޅުވީ، ސްކޫލްވެށި މެދުވެރިކޮށް ސްކޫލް ކުދިންނަށް ޕްރޮގްރާމްތަށް އުފެއްދުމާއި، ޕްރެޒެންޓުކުރުމާއި، ކެމެރާ ކުރުމާއި މިފަދަ އެތަށް ހުނަރުތަކެއް ދަސްވެގެންދާނެ ކަމަށެވެ.

ޕީއެސްއެމްއިން ގެންދަވަނީ ތަޢުލީމީ ދާއިރާއަށް ޚާއްޞަކުރައްވައިގެން އުނގަންނައިދެއްވުމުގެ ޗެނަލެއް ހެއްދެވުމުގެ މަސައްކަތްކުރައްވަމުންނެވެ. އެޗެނަލް މެދުވެރިކޮށް ސްކޫލްތަކުގައި ހިންގަވާ ޙަރަކާތްތަކާއި، ޓީޗަރުން ކުރިޔަށް ގެންދަވާ މަސައްކަތްތަކާބެހޭ މައުލޫމާތު ވަރަށް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެވިގެންދާނެ ކަމަށެވެ. މިއަދު އިފްތިތާޙުކުރެވުނު ސްކޫލް ވެށި ޕްރޮގްރާމް ޓީވީއާއި ރޭޑިއޯއިން ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ހަފްތާޔަކު އެއްފަހަރުއެވެ.