ޚަބަރު

ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ރާއްޖެއަށް ގެނެސްދެއްވާނަން: ރައީސުލްޖުމްހޫރިއްޔާ


  • ޤައުމާއި މުޚާތަބު ކުރައްވާ ރައީސް ޑރ.މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި ގިނަ މައްސަލަތަކަކަށް އަލިއަޅުއްވާލެއްވި

  • އެންމެ ގިނަ މައްސަލަތައް ގުޅިފައިވާ މައިގަނޑު މައްސަލައަކީ ބޯހިޔާވަހިކަން

  • ބޯހިޔާވަހިކަމުގެ މައްސަލައަށް އިންޤިލާބީ ޙައްލެއް ގެނެސްދެއްވާނެކަމަށް ރައީސް ވިދާޅުވި

ބިންވެރިކަމާއި ގެދޮރުވެރިކަމުގެ ރަންޒަމާނެއް ރާއްޖެއަށް ގެނެސްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މަޤާމާއި ޙަވާލުވެވަޑައިގެން ޤައުމާއި މުޚާޠަބު ކުރައްވާ ވާހަކަފުޅުދައްކަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ޒަޢާމަތަކީ ދިވެހި ރައްޔިތުންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުންކަމުގައިވާ ބޯހިޔާވަހިކަމަށް އިންޤިލާބީ ޙައްލު ގެނެސްދެއްވާނެ ޒައާމަތަކަށް ހައްދަވާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވާކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ޚާއްސާސީ އެއް މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަކަމަށެވެ. އެއީ ޢާއިލީ މައްސަލަތަކާއި ގިނަ އިޖުތިމާޢީ މައްސަލަތަކުގެ މައިގަނޑުކަމަށާއި ދީނީ އަދި އަޚްލާޤީ އެތައް މައްސަލަތަކެއްގެވެސް އަސްލުމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން އެއީ ސީއްޙީ އެތައް މައްސަލަތަކަކަށް ރައްޔިތުން ހުށައެޅޭކަމެއްކަމުގައި ރައީސް ޑރ.މުޢިއްޒު ވިދާޅުވިއެވެ. އެހެންކަމުން އެމަނިކުފާނުގެ ޒަޢާމަތުގައި އެންމެ އިސްކަމެއް ދެއްވާނީ އެމައްސަލައަށް ދާއިމީ ޙައްލެއް ގެނެސްދެއްވުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ބިންވެރިކަމާއި ގެދިރުވެރިކަމުގެ ރަންޒަމާނެއް ދިވެހީންނަށް ގެނެސްދޭނީ މި ފެށުނު ރިޔާސީ އާ ދައުރުގާ. އިތުރު ތިލަފަޅުން ފެށިގެން ފުށިދިއްގަރު ފަޅާ ހަމައަށް އެންމެ ޒަމާނީ ޢިމާރާތްތަކާއި ބަގީޗާތަކުގެ ހާރެއް އަތުރާލާނީ ތިޔަބޭފުޅުންގެ މިއައު ސަރުކާރުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ޑރ.މުޢިއްޒު ވިދާޅުވީ ބިންވެރިކަމާއި އަދި ގެދޮރުވެރިކަމާއި ގުޅޭ ގިނަ މަސައްކަތްތައް ކަރުދާހަށް ތިރިކުރެވިފައިވާކަމަށެވެ. އަދި އެކަމަށް ބޭނުންވާ ކުރެހުންތައް ތައްޔާރުކޮށް ނިމިފައިވާކަމަށް ވިދާޅުވަމުން ރައީސް ޑރ.މުޢިއްޒު ވިދާޅުވީ ވަރަށް އަވަހަށް އެކަމުގެ ޢަމަލީ މަސައްކަތް ފަށާ ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ފަޅުތަކުން ފެނިގެންދާނެކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ތަރައްޤީކުރައްވާނީ ސަރަޙައްދީ ޕްލޭނެއްގެ ދަށުންކަމުގައެވެ. އަދި މެދުރާސްތާއާއި ދުރު ރާސްތާގެ ޕްލޭންތަކާއެކު ތަރައްޤީގެ މަސައްކަތް ބައްޓަންކުރާނީ ދިވެހި ރައްޔިތުންގެ އުއްމީދާއި އެއްގޮތަށްކަމުގެ ޔަގީންކަންވަނީ ދެއްވާފައެވެ. މީގެ އިތުރުން ކުރިއަށް އޮތް 20 އަހަރު ދުވަހަށް ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭނެއް އެކުލަވާލާ އެޕްލޭނަށް ޤާނޫނީ ބާރުވެރިކަން ދެއްވާނެކަމަށް ވިދާޅުވިއެވެ. މިގޮތުން އެންމެ އުތުރާއި އަދި އެންމެ ދެކުނުގައި އިންޓަރގްރޭޓެޑް ޑިވެލޮޕްމަންޓް ޒޯނުގެ ގޮތުގައި ދެޒޯނެއް ތަރައްޤީކޮށް އެހެން ސަރަޙައްދުތައްވެސް ޝާމިލުވާނެހެން 7 އާބަން ސެންޓަރު ނުވަތަ ޢުމްރާނީ ބިނާވެށީގެ 7 ބިނާވެށި ތަރައްޤީކުރައްވާނެކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.