ތަޢުލީމު

މެލޭޝިޔާގައި އިސްލާމާއި ދިވެހި މާއްދާ ކިޔެވޭނެ ގޮތް ހަދަނީ


މެލޭޝިޔާގައި ދިރިއުޅޭ ދިވެހި ދަރިވަރުންނަށް، އެޤައުމުގެ ތިބެގެން އިސްލާމާއި، ދިވެހި އުގެނުމުގެ ފުރުޞަތު ލިބޭނޭ މަގު، ވަރަށް އަވަހަށް ފަހިކުރައްވާނެކަމަށް، ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ހަމައެކަނި ޕީ.އެސް.އެމްއަށް މިއަދު ދެއްވި އިންޓަވިއުއެއްގައި، ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވީ، ބޭރު ޤައުމުތަކުގައި ދިރިއުޅުއްވާ ދިވެހިންނަށް ފަސޭހަ ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަކީ މިހާރުގެ ސަރުކާރުގެ ސިޔާސަތުގެ ތެރެއިން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅުގައި، ކުރެއްވި މަޝްވަރާތައްވެސް ޖުމްލަގޮތެއްގައި ބިނާކުރެއްވީ، ދިވެހިންގެ ދިރިއުޅުމާ ގުޅުން ހުރި ދާއިރާތަކުންކަން މިނިސްޓަރ ދުންޔާ ފާހަގަކުރެއްވިއެވެ.

ދުންޔާ ވިދާޅުވީ، މެލޭޝިޔާގައި ކަލްޗަރަލް ސެންޓަރެއް ޤާއިމްކުރެއްވުމަށް މެލޭޝިޔާ ސަރުކާރާއެކު މިހާރު މަޝްވަރާ ކުރެވެމުންދާކަމަށާއި، ވަރަށް ކައިރި މުސްތަޤްބަލެއްގައި މި ސެންޓަރު ޤާއިމް ކުރެވިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށެވެ.