މިދިޔަ އަހަރުގެ ފީފާ ވޯލްޑް ކަޕަށްފަހު ފުރަތަމަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަން އާޖެންޓީނާ ބަލިވެއްޖެއެވެ.
އާޖެންޓީނާ ބަލިވީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ދެކުނު އެމެރިކާ ކޮލިފައިންގައި ރޭ ކުޅުނު މެޗުގައި އުރުގުއާއީ އަތުން 2-0 ގެ ނަތީޖާއަކުންނެވެ.
އަމިއްލަ ގައުމުގައި ކުޅުނު މި މެޗުގައި އާޖެންޓީނާއަށް މާ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، އުރުގުއާއިން ލީޑު ނަގާފައިވަނީ މެޗުގެ 41 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ރޮނާލްޑް އަރައުހޯއެވެ. އަދި މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް އުރުގުއާއިން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލިވަޕޫލުގެ ފޯވާޑް ޑާވިން ނޫނޭޒެވެ.
މި މެޗުން އާޖެންޓީނާ ބަލިވިއިރު، އެ ޓީމު އެންމެ ފަހުން ބަލިވެފައިވަނީ މިދިޔަ އަހަރުގެ ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖް ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުންނެވެ.
މީގެ އިތުރުން ކޮލިފައިންގައި ރޭ ކުޅުނު މެޗުން ބްރެޒިލް ވަނީ ކޮލަމްބިއާ އަތުން 2-1 ގެ ނަތީޖާއަކުން ބަލިވެފައެވެ.
ކޮލަމްބިއާގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ބްރެޒިލުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި މި ލަނޑު ޖަހައިދިނީ ގެބްރިއެލް މާޓިނެއްލީއެވެ. އެކަމަކު ދެވަނަ ހާފުގައި ކޮލަމްބިއާއިން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލާފައެވެ. އެގޮތުން މެޗުގެ 75 ވަނަ މިނެޓުގައި ލުއިސް ޑިއާޒް އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދިންއިރު، އޭގެ ހަތަރު މިނެޓު ފަހުން ޑިއާޒް ވަނީ އިތުރު ލަނޑެއް ޖަހައި މި މެޗުން ކޮލަމްބިއާ މޮޅުކޮށްދީފައެވެ.
މި ނަތީޖާތަކާއެކު ދެކުނު އެމެރިކާ ކޮލިފައިންގެ އެއްވަނައިގައި އާޖެންޓީނާ އޮތީ ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އުރުގުއާއީއަށް ފަސް މެޗުން 10 ޕޮއިންޓް ލިބިފައިވާއިރު، ކޮލަމްބިއާ އޮތީ ތާވަލުގެ ތިންވަނައިގައި ފަސް މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުއެވެ. އަދި ބްރެޒިލް އޮތީ ތާވަލުގެ ފަސްވަނައިގައި ފަސް މެޗުން ހަތް ޕޮއިންޓާއެކުއެވެ.