ކުޅިވަރު

16 އަހަރުގެ ޔަމާލްގެ ލަނޑާއެކު ސްޕެއިނަށް މޮޅެއް


ޔޫރޯ 2024 ކޮލިފައިން ގުރޫޕް އޭގައި ރޭ އުމުރުން 16 އަހަރުގެ ލަމީން ޔަމާލް ލަނޑު ޖަހައި ސްޕެއިން މޮޅުކޮށްދީފިއެވެ.

ރަށުން ބޭރުގައި ކުޅެ ސްޕެއިން މެޗު ކާމިޔާބުކުރީ ސައިޕްރަސްއާ ވާދަކޮށް 3-1 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގައި ސްޕެއިނުން ލީޑު ނެގީ މެޗު ފަށައިގެން ފަސްވަނަ މިނެޓުގައި ޒުވާން ކުޅުންތެރިޔާ ޔަމާލް ކާމިޔާބުކޮށްދިން ލަނޑުންނެވެ. ހުސްވި ސެޕްޓެމްބަރު މަހު ޖޯޖިއާ އަތުން 7-1 ގެ ނަތީޖާއަކުން މޮޅުވި މެޗުގައި ޔަމާލް ވަނީ ލަނޑު ޖަހައި ސްޕެއިންގެ ގައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ރިކޯޑު މުގުރާލާފައެވެ.

ރޭގެ މެޗުގައި ސްޕެއިނުން ލީޑު ފުޅާކުރީ މެޗުގެ ފުރަތަމަ ހާފުގައި މިކޭލް އޮޔާޒަބަލް އާއި ޖޮސެލޫ ކާމިޔާބުކުރި ލަނޑުތަކުންނެވެ. މި މެޗުގައި ސައިޕްރަސްއިން ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކޮސްޓަސް ޕިލިއަސްއެވެ.

މީގެ އިތުރުން މި ގުރޫޕުގައި ރޭ ޖޯޖިއާ އާއި ސްކޮޓްލަންޑް ވާދަކުރި މެޗު ނިމުނީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. ރޭގެ ނަތީޖާތަކާއެކު ގުރޫޕްގެ އެއްވަނައިގައި ސްޕެއިން އޮތީ ސްކޮޓްލަންޑަށް ވުރެ ދެ ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. މި ދެޓީމުވެސް ޔޫރޯއަށް ކޮލިފައިވެފައިވާއިރު ސްކޮޓްލަން ދެވަނައިގައި އޮތީ 16 ޕޮއިންޓާއެކުއެވެ.