ޔޫރޯ 2024 ކޮލިފައިން ގްރޫޕް ޖޭގައި ރޭ ލިކްޓަންސްޓެއިން އަތުން މޮޅުވެ، ޕޯޗުގަލުން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.
ޔޫރޯއަށް މިހާރުވެސް ކޮލިފައިވެފަވާ ޕޯޗުގަލް މޮޅުވީ ރޭ ރަށުން ބޭރުގައި ކުޅެ 2-0 ގެ ނަތީޖާއަކުންނެވެ.
ޕޯޗުގަލުން ޑޮމިނޭޓްކޮށްގެން ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެޓީމަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. އެކަމަކު ދެވަނަ ހާފުގެ ފުރަތަމަ މިނިޓުގައި ޕޯޗުގަލުން ވަނީ ލީޑު ނަގާފައެވެ. ޑިއެގޯ ޖޮޓާ ދިން ބޯޅައަކުން މި ލަނޑު އެޓީމަށް ޖަހައިދިނީ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ.
މިއީ އުމުރުން 38 އަހަރުގެ ރޯނާލްޑޯ ގައުމީ ޓީމަށް ޖަހައިދިން 128 ވަނަ ލަނޑެވެ. އޭނާ ވަނީ 30 އަހަރު ފުރުނު ފަހުން ރޭގެ މެޗާ ހަމަޔަށް ގައުމީ ޓީމަށް 77 ލަނޑު ޖަހާފައެވެ. އަދި ރޭ ޖެހި ލަނޑާއެކު މި އަހަރު އޭނާ ގައުމީ ޓީމަށް ޖެހި ލަނޑުގެ އަދަދު ވަނީ 10 އަރާފައެވެ. ރޮނާލްޑޯ އަކީ މިވަގުތު ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ފުޓްބޯޅަ ކުޅުންތެރިޔާއަށެވެ. މި ލިސްޓުގެ ދެވަނައިގަ އުޅެނީ 108 ލަނޑު ޖެހި އިރާންގެ ކުރީގެ ފޯވާޑް އަލީ ދާއީއެވެ.
ޕޯޗުގަލުން ރޭގެ މެޗުގައި ލީޑުފުޅާކުރި ލަނޑު ކާމިޔާބުކުރީ މެޗުގެ 57 ވަނަ މިނިޓުގައެވެ. އެންޓޯނިޔޯ ސިލްވާ ދިން ބޯޅައަކުން މި ލަނޑު ޖަހައިދިނީ ޖާއޯ ކަންސެލޯއެވެ. މި ލަނޑަށްފަހު ޕޯޗުގަލްގެ ގޮންކާލޯ ރާމޯސް ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރުން ވަނީ އެ ލަނޑު ބަލައިނުގަންނަން ނިންމާފައެވެ.
މި މެޗުން ޕޯޗުގަލް މޮޅުވިއިރު، ރޭ މި ގުރޫޕްގައި ސްލޮވާކިއާއިން ވަނީ އައިސްލަންޑް ބަލިކޮށް އަންނަ އަހަރު ޔޫރޯގެ ޖާގައެއް ޔަގީންކޮއްފައެވެ. މި މެޗު ސްލޮވާކިއާއިން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ. އަދި ރޭ މި ގުރޫޕުގައި ލަގްޒަމްބާގުން ވަނީ އަމިއްލަ ދަނޑުގައި ކުޅެ ބޮސްނިއާ އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވެ، ޕްލޭޮފްގެ ޖާގައެއް ޔަގީންކޮށްފައެވެ.
ރޭގެ ނަތީޖާތަކާއެކު ގުރޫޕްގެ އެއްވަނައިގައި ޕޯޗުގަލް އޮތީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ 27 ޕޮއިންޓާއެކުއެވެ. ދެވަނައިގައި ސްލޮވާކިއާ އޮތީ 19 ޕޮއިންޓާއެކުއެވެ. އަދި ތިންވަނައިގައި އޮތް ލަގްޒަމްބާގަށް ލިބެނީ 14 ޕޮއިންޓެއެވެ. ހަތަރުވަނައިގައި އޮތް އައިސްލަންޑަށް 10 ޕޮއިންޓް ލިބިފައިވާއިރު، ބޮސްނިއާ ފަސްވަނައިގައި އޮތީ ނުވަ ޕޮއިންޓާއެކުއެވެ.