ކުޅިވަރު

ކުޅިވަރުގެ ކާމިޔާބު މަސައްކަތްތަކުގެ އަމާޒާއެކު ރާފިޢުގެ ޝުކުރު މަޚްލޫފަށް


ކުޅިވަރު އެހެން ހަރުފަތަކަށް ގެންގޮސްދިނުމަށް އަޙްމަދު މަޚްލޫފް ކޮށްދެއްވި ކަންކަމަށް ޝުކުރުއަދާކުރައްވާ ކަމަށާއި، އަމާޒަކީ މިއަށްވުރެ ކާމިޔާބު މަސައްކަތްތަކެއް ކުރުން ކަމަށް ކުޅިވަރާ ބެހޭ ވަޒީރުކަމުގެ މަގާމާ ހަވާލުވާ ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ރާފިޢު މިހެން ވިދާޅުވީ އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރައްވާ ރަސްމިއްޔާތުގައި ޗައިނާގެ ރައީސްގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވާ ސްޓޭޓް ކައުންސިލަރު ޝީއެން ވައި އައިޖިން ދިވެހި ކުޅިވަރު އާއިލާއާއެކު އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި ރާފިޢު ވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ދައުރުގައި ކުޅިވަރާ ބެހޭ ވަޒީރުކަމުގައި މަޚްލޫފް ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ.

ކުޅިވަރުގައި ރާއްޖެ ދާން ބޭނުންވާ އަމާޒަށް ވާސިލުވުމުގައި ދެން ފުރިހަމަކުރަން ޖެހޭ ކަމަކީ ހައި ޕާފޯމަންސް ޓްރެއިނިންގެ ކަންކަން ކުރިއަށްގެންދިއުން ކަމަށާއި، ހުރިހާ ކުޅިވަރެއްގެ ތެރެއިން ރާއްޖޭގެ މުޖުތަމައު ދުޅަހެޔޮ މުޖުތަމައުއަކަށް ހެދުމަކީ ބޮޑު އުނއްމީދެއް ކަމަށްވެސް ރާފިޢު ވިދާޅުވިއެވެ.

މީގެ އިތުރުން ޗައިނާ ސަރުކާރުން ރާއްޖެއަށް ދެއްވާ އެއްބާރުލުން ފާހަގަކުރައްވާ ކަމަށާއި، ކުޅިވަރުގެ ތެރެއިން ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ރާފިޢު ވިދާޅުވިއެވެ.

ރާފިޢުގެ މަސައްކަތްތަށް ފާހަގަކުރައްވާ މަޚްލޫފް ވިދާޅުވީ އެދެނީ މި ސަރުކާރުން ކުޅިވަރުގައި ކުރިއަށްގެންދިޔަ ރަނގަޅު ކަންކަން، އައު ސަރުކާރުންވެސް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިޔުން ކަމަށެވެ.