ކުޅިވަރު

ކުޅިވަރު ނޫސްވެރިންނާއެކު ކްރޮސްރޯޑްސްގައި ފަބްރީޒިއޯގެ ޚާއްސަ އިވެންޓެއް


ދުނިޔޭގެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ އިޓަލީގެ ފަބްރީޒިއޯ ރޮމާނޯ އާއި ދިވެހި ކުޅިވަރު ނޫސްވެރިންގެ ޚާއްސަ އިވެންޓެއް ކްރޮސްރޯޑްސް މޯލްޑިވްސްގައި ބާއްވައިފިއެވެ.

މިއީ މި އިވެންޓް ކްރޮސްރޯޑްސްގައި ބޭއްވި ދެވަނަ ފަހަރެވެ. އެގޮތުން މިދިޔަ އަހަރުވެސް ވަނީ ފަބްރީޒިއޯއާއެކު ކާމިޔާބު އިވެންޓެއް ބާއްވާފައެވެ.

މިދިޔަ އަހަރެކޭ އެއްގޮތަށް މިއަހަރުވެސް ބާއްވާފައިވަނީ ޚާއްސަ ފުޓްސަލް މެޗެކެވެ. އެކަމަކު މިދިޔަ އަހަރާއި ހިލާފަށް މިއަހަރު އެއްކޮޅުން ކުޅުނީ ކުޅިވަރު ނޫސްވެރިން ހިމެނޭ ޓީމެކެވެ. އަނެއްކޮޅުން ކުޅުނީ ފަބްރީޒިއޯ އާއި ކްރޮސްރޯޑްސްގެ ބައެއް އިސްވެރިން ހިމެނޭ ޓީމެކެވެ. އިއްޔެ ހަވީރު ކުޅުނު މި މެޗު 8-7 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ފަބްރީޒިއޯގެ ޓީމުންނެވެ.

ސްޕޯޓްސް ޓުއަރިޒަމަށް ބޮޑު އަހައްމިއްޔަތުކަމެއް ދެމުން އަންނަ ކްރޮސްރޯޑްސް އިން މި އިވެންޓު ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ކުޅިވަރު އާއިލާއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުން ކަމަށް މައުލޫމާތުދެއެވެ.

ކްރޮސްރޯޑްސްގެ ފަރާތުން "ޕީއެސްއެމް ސްޕޯޓްސް" އާ ވާހަކަދައްކަމުން ހާޑް ރޮކް ހޮޓެލް މޯލްޑިވްސްގެ ރިސޯޓް މެނޭޖަރު އަބްދުﷲ މުފީދު ވިދާޅުވީ މިފަދަ ހަރަކާތްތަކަކީ އެ ރިސޯޓުން އަބަދުވެސް ޚާއްސަ އިސްކަމެއް ދީގެން ބާއްވަމުން އަންނަ ހަރަކާތްތަކެއް ކަމަށާއި، ކުރިއަށްއޮތް ތަނުގައިވެސް މިފަދަ އިވެންޓުތައް ބޭއްވުމަށް މަސައްކަތްކުރާނެ ކަމަށެވެ.

އިއްޔެގެ މެޗަށްފަހު ވާހަކަދައްކަމުން ފަބްރީޒިއޯ ބުނީ ރާއްޖޭގެ ކުޅިވަރު ނޫސްވެރިންނާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ލިބިގެންދިއުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށާއި، މިފަދަ ފުރުސަތުތައް ފަހިކޮށްދޭ ކަމަށްޓަކައި ކްރޮސްރޯޑްސްގެ މެނޭޖުމަންޓަށް ޝުކުރުއަދާކުރާ ކަމަށެވެ. އަދި އުއްމީދަކީ މުސްތަގުބަލުގައިވެސް ދިވެހި ކުޅިވަރު ނޫސްވެރިންނާއެކު މިފަދަ މާހައުލަކުން ބައްދަލުވެ، ގުޅުން ބަދަހިކުރުން ކަމަށްވެސް އޭނާ ބުންޏެވެ.

ފަބްރީޒިއޯ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ނުފޫޒުގަދަ ނޫސްވެރިޔާއެވެ. ޚާއްސަކޮށް ފުޓްބޯޅައިގެ ޓްރާންސްފާ ބާޒާރުގެ ޚަބަރުތަކާއި މައުލޫމާތު އޭނާ ދުރާލާ ހިއްސާކުރެއެވެ. އެއާއެކު އޭނާ ވެފައިވަނީ ދުނިޔޭގެ ފުޓްބޯޅައިގެ ސަޕޯޓަރުންގެ މެދުގައި މަގުބޫލު ނޫސްވެރިއަކަށެވެ.