ޚަބަރު

ކޮމިޝަނަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންފުޅުތައް ކޮމިޓީއަށް


މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ނަންތައް ދިރާސާކުރައްވަން ކޮމިޓީއަށް ފޮނުއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން އެކަމަށް ކުރިމަތިލެއްވި 23 ބޭފުޅުންގެ ނަން މަޖިލީހުގެ ޖަލްސާއަށް އިއްވަވާފައެވެ. އެ ކޮމިޝަންގައި މިހާރު ތިއްބެވި ހަތް މެމްބަރުންގެ ތެރެއިން އެއް މެމްބަރަކު ފިޔަވައި ހުރިހާ މެމްބަރުންގެ މަޤާމުގެ މުއްދަތު އަންނަ އޭޕްރީލްމަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ. އެހެންކަމުން ހަތް މެމްބަރުން ތިބޭ އެ ކޮމިޝަނަށް މި ފަހަރު އައްޔަންކުރައްވާނީ ހަ މެމްބަރުންނެވެ.

މި ލިސްޓްގައި ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވާފައިވާ ހަ ބޭފުޅުންނަކީ، ބްރޯޑްކާސްޓިންގ ކޮމިޝަންގެ މިހާރުގެ ރައީސް މުޙައްމަދު ޝަހީބާއި، ޅ. ހިންނަވަރު، ފަހަލަ އިސްމާޢީލް ސަފްވާނާއި ކ.ދިއްފުށީ ހުވަނދުމާގޭ ފާތިމަތު ޒައިނާއާއި، ގދ.ގައްދޫ އަތިރީގޭ ޒީނާ ޒާހިރާއި ވ.ވެރޯނިކާ ޙަސަން ނަބާޙް، އަދި ގ.ގޮފި، އާމިނަތު ސަރާހަތު ޢިއްޒަތެވެ. މި ބޭފުޅުންގެ ނަންތައް ދިރާސާކުރެއްވުމަށް ފޮނުއްވާފައި ވަނީ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ. ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރުކަމަށް ބޭފުޅުން އައްޔަންކުރަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.