ޚަބަރު

ހުށަހެޅުނު ޝަކުވާތަކަކާ ގުޅިގެން އޭސީސީން އިންތިޤާލީ އިންސާފުގެ އޮފީހަށް ވަދެއްޖެ


  • އިންތިޤާލީ އިންސާފުގެ އޮފީހަށް އޭސީސީން ވަދެފައިވަނީ މިއަދު މެންދުރު

  • ބައެއް މައްސަލަތަކުގެ ލިޔެކިޔުންތަކަށް ބަދަލުގެނެސްފައިވާކަމުގެ ތުޙުމަތުތަކެއް

  • އޭސީސީގެ ތަޙްޤީޤަށް އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭ

  • އިންތިޤާލީ އިންސާފުގެ އޮފީހުގެ ދައުރު މިމަހު 17 އަށް ހަމަވާނެ

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހާއި ގުޅޭގޮތުން ހުށެހެޅިފައިވާ ޝަކުވާތަކަކާ ގުޅިގެން، ތަޙުޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީއިން އެ އޮފީހަށް ވަދެއްޖެއެވެ.

އޭ.ސީ.ސީގެ ޓީމަކުން އިންތިޤާލީ އިންސާފުގެ އޮފީހަށް ވަދެފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގައެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި އޭ.ސީ.ސީއިން ބަލަމުން އަންނަނީ އެ އޮފީހުގެ ބައެއް އޮމްބަޑްސްމަނުން މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން އެ އޮފީހުންގެ ބައެއް ނިންމުންތައް ބަދަލުކުރާކަމުގެ ތުޙުމަތުގައި އޭސީސީއަށް ހުށަހެޅިފައިވާ ޝަކުވާތަކެކެވެ. ނަމަވެސް އެއީ ސީދާ ކޮން މައްސަލަތަކެއްކަމެއް އޭސީސީއިން އަދި ހާމަކުރައްވާފައެއްނުވެއެވެ.

އިންތިޤާލީ އިންސާފުގެ އޮފީހާއި ގުޅޭގޮތުން ހުށަހެޅުނު ޝަކުވާތަކެއް އޭސީސީއިން ބަލަން ފަށާފައިވާއިރު، އެ އޮފީހުގެ ދައުރު އަންނަ ހުކުރު ދުވަހަށް ހަމަވާނެއެވެ.

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހަކީ، 1953 ގެ ޖެނުއަރީ މަހުން ފެށިގެން 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ގެ ނިޔަލަށް ހިނގާފައިވާ އިންސާނީ ހައްގުތަކާއި ކަރާމާތާއި ގުޅުންހުރި މައްސަލަތައް ބެލުމަށް، ޤާނޫނުން ބާރުލިބިގެން އުފައްދާފައިވާ އޮފީހެކެވެ. އިންތިޤާލީ އިންސާފުގެ އޮފީހެއް ޤާއިމުކޮށް ޤާނޫނީ އޮނިގަނޑެއް ހަދާ ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ ރާއްޖޭގައި ހިންގާފައިވާ ލާއިންސާނީ އަމަލުތަކަށް އިންސާފު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ވެވަޑައިގެންފައިވާ ރިޔާސީ ވައުދުފުޅުގެ ދަށުން 2020 ވަނަ އަހަރުގެ ތެރޭގައެވެ.

ޤާނޫގައި ކަނޑައަޅާފައި އޮތް ގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހަށް އެ އޮފީހަށް ހުށައަޅާފައި ހުރި މައްސަލަތައް ނިންމަންޖެހެއެވެ. އެހެންނަމަވެސް ހުުށައެޅުނު މައްސަލަތައް ގިނަވުމާއި މައްސަލަތައް ބަލާ ނުނިމޭތީ އެ މުއްދަތު މިއަހަރުގެ ނޮވެމްބަރު މަހުގެ 17 ގެ ނިޔަލަށް އިތުރު ކުރެއްވިއެވެ. މި މުއްދަތު އިތުރުކުރެއްވީ ރައީސުލްޖުމްޙޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުންނެވެ.