ކުޅިވަރު

ދިވެހި ޕްރިމިއާ ލީގުން ވެލެންސިއާ ވަކިވެއްޖެ


އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ ބާކީ އޮތް ބައިގައި ވާދަނުކުރަން ނިންމައި، ކުލަބު ވެލެންސިއާ ލީގުން ވަކިވެއްޖެއެވެ.

"ޕީއެސްއެމް ސްޕޯޓްސް" އަށް އެނގިފައިވާ ގޮތުގައި ވެލެންސިއާއިން ވަނީ މިގޮތަށް ނިންމައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް އިއްޔެ ސިޓީއެއް ފޮނުވާފައެވެ. ލީގުން ވަކިވާން ވެލެންސިއާއިން ނިންމީ، މާލީ މައްސަލަތާ ހުރެ އެ ޓީމަށް ލީގުގައިވެސް ކުރިއަށް ދެވޭނެ ހާލަތެއް ނެތުމުންނެވެ.

މި ސީޒަނުގައި ވެލެންސިއާއިން ބޭނުންކުރީ ޒުވާން ކުޅުންތެރިން ހިމެނޭ ސްކޮޑެކެވެ. އޭގެ ތެރޭގައި ޖޫނިއާ އުމުރުފުރާތަކުގެ ގައުމީ ޓީމު ކުޅުންތެރިންވެސް ހިމެނެއެވެ. ސީނިއާ ބައެއް ކުޅުންތެރިން ގެނައުމަށް އެ ކުލަބުން މަސައްކަތްކުރި ނަމަވެސް، އެކަން ކާމިޔާބުވާގޮތެއް ނުވިއެވެ. އެގޮތުން އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އިސްމާއީލް އީސާ ހިމެނެއެވެ. އެ ދެ ކުޅުންތެރިން މިހާރު ވަނީ އެހެން ކުލަބުތަކަށް ބަދަލުވެފައެވެ.

މެދުކަނޑާލާފައިވާ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން މާދަމާ ފެށުމަށް ނިންމާފައިވާއިރު، މިއަދުގެ ވަގުތެއްގައި އެފްއޭއެމުގެ މީޑިއާ ގްރޫޕުގައި އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވަނީ ލީގުގެ އައު ޝެޑިއުލް ހިއްސާކޮށްފައެވެ. އެ ޝެޑިއުލްގައި ވެލެންސިއާގެ އެއްވެސް މެޗެއް ނުހިމެނެއެވެ.

ޖަވާ ވިދާޅުވީ ސްކޫލުތަކުގެ އިމްތިހާނުތަކުގެ ސަބަބުން މަދު ކުޅުންތެރިންނާއެކު ކުޅެން ހަމަޖެހިފައިވާ މެޗުތަކަށް ހާޒިރު ނުވެވޭނެކަން ވެލެންސިއާއިން އަންގާފައިވާ ކަމަށެވެ. އެހެންކަމުން ވެލެންސިއާއިން ކުޅެން ހަމަޖެހިފައި އޮތް މެޗުތައް ފޯފިޓް ކޮށްފައިވާ ކަމަށް ބަލައި، ކަމާ ބެހޭ ކޮމިޓީއަށް ފޮނުވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ލީގުގެ ބާކީ އޮތް ބައިގައި ވާދަނުކުރަން ވެލެންސިއާއިން ނިންމާފައިވާއިރު، މިހާރު ކުރިއަށްދަނީ ލީގުގެ ދެވަނަ ބުރުގެ ކުޅުމެވެ. ލީގުގައި މިހާތަނަށް ކުޅުނު ނުވަ މެޗުންވެސް ވެލެންސިއާއަށް މޮޅެއް ހޯދިފައި ނުވާއިރު، އެ ޓީމު އޮތީ ތާވަލުގެ ފުލުގައި އެންމެ ދެ ޕޮއިންޓާއެކުއެވެ.