ހައްދުފަހަނައަޅާފައިވާ ޔަހޫދީން ޣައްޒާގެ އަލް-ޝިފާ ހޮސްޕިޓަލުގައި ހަމާސްގެ ކޮމާންޑް ސެންޓަރެއް ހުންނަ ކަމަށް ބުނެ އެ ހޮސްޕިޓަލަށް ވަދެ ހަމަލާދީފިއެވެ.
ޣައްޒާގެ މިނިސްޓްރީ އޮފް ހެލްތުގެ ތަރުޖަމާނު އަޝްރަފް އަލް ކުދްރާ ވިދާޅުވީ، ޔަހޫދީ ފައުޖުތަކުގެ ޓޭންކުތައް އަލް-ޝިފާ ހޮސްޕިޓަލުގެ މެޑިކަލް ކޮމްޕްލެކްސް ވަށާލައި، އެ ހޮސްޕިޓަލުގެ އެމަރޖެންސީ ޑިޕާޓްމަންޓްގެ ޢިމާރާތަށް މިއަދުގެ ވަގުތެއްގައި ވަން ކަމަށެވެ. އަޝްރަފް ވިދާޅުވީ، ހޮސްޕިޓަލުގެ ކޯރިޑޯއިން ނިކުންނަން އުޅުނު ބައެއް މީހުންގެ ގަޔަށް ޔަހޫދީ ސިފައިން ބަޑިޖެހި ކަމަށާއި، ޔަހޫދީން އެތަނަށް ވަނީ އެތަނުގައި ހަމާސްގެ އަސްކަރިއްޔާގެ ކޮމާންޑު ސެންޓަރެއް ހުރިކަމަށް ތުހުމަތުކޮށް އެތަނުގައި އޮޕަރޭޝަނެއް ހިންގުމަށް ކަމަށް ބުނެފައިވާކަމަށެވެ.
ޔަހޫދީން އަލް-ޝިފާ ހޮސްޕިޓަލުގެ އޮޕަރޭޝަން އަދި އެމަރޖެންސީ ޢިމާރާތްތަކަށް ވަން ކަމަށް ޣައްޒާގެ ޗީފް އޮފް ހޮސްޕިޓަލުން ބުނެއެވެ.
ޔަހޫދީން އަލްޝިފާ ހޮސްޕިޓަލަށް ހަމަލާ ދޭން ފެށީ، ހަމާސްއިން ޣައްޒާގެ ހޮސޕިޓަލުތައް ބޭނުންކުރަމުންދާކަމަށް ބުނެ އެއްވެސް ހެއްކެއްނެތި ވައިޓް ހައުސިންއިން ބަޔާނެއް ނެރުނުތާ 1 ގަޑިއިރު ފަހުންނެވެ.
ހަމާސްއިން ބުނީ އަލްޝިފާ ހޮސްޕިޓަލުގައި އެމީހުންގެ އެއްވެސް ކޮމާންޑް ސެންޓަރެއް ނުހުންނާނެކަމަށެވެ. އަދި ޔަަހޫދީ އިސްރާއިލުން އެ ކުރަނީ ދޮގު ތުހުމަތުތަކެއް ކަމަށް ހަމާސް އިން ބުނެއެވެ. އެގޮތުން ހަމާސް އިން ބުނީ ޔަހޫދީންނާއި އެމެރިކާއިން ގުޅިގެން އެ ދަނީ އެމީހުން ހިންގަމުންދާ އަނިޔާވެރި ޤަތުލް ޢާންމު ކުރިއަށް ގެންދިއުމުގެ މަސައްކަތް ކުރަމުންކަމަށެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނީ މިވަގުތު އަލް-ޝިފާ ހޮސްޕިޓަލުގައި ގާތްގަނޑަކަށް 650 ބަލިމީހުން އެބަ ތިބި ކަމަށެވެ. ހަމައެއާއެކު ޔަހޫދީ އިސްރާއިލުން ދެމުންދާ ވަރުގަދަ ވައިގެ ހަމަލާތަކާއި ބަޑީގެ ހަމަލާތަކުގެ ސަބަބުން 5000 އާއި 7000 ދެމެދުގެ އަދަދަކަށް ގެދޮރު ގެއްލިފައިވާ ޣައްޒާގެ ރައްޔިތުން އަލް-ޝިފާ ހޮސްޕިޓަލުގައި މިވަގުތު ތިބި ކަމަށްވެސް ޣައްޒާގެ ހެލްތު މިނިސްޓްރީން ފާހަގަކުރެއެވެ.
އޮކްޓޫބަރ މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްޠީނުގެ ޣައްޒާއަށް، ހައްދުފަހަނައަޅާފައިވާ ޔަހޫދީ އިސްރާއިލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް ޣައްޒާގެ 11،300 މީހުން ޝަހީދުކޮށްލާފައި ވެއެވެ.