ކުޅިވަރު

ކިޗީއާ ދެކޮޅަށް ހޮކޭއަށް ކުޅެވޭނެކަމަށް އުއްމީދުކުރެވޭ


ނިއުރޭޑިއަންޓްގެ ކެޕްޓަން މުޙައްމަދު ރަޝީދު، ހޮކޭއަށް ހޮންކޮންގެ ކިޗީއާއި ދެކޮޅަށް މާލޭގައި ކުޅޭ މެޗުގައި ކުޅެވޭނެކަމުގެ އުއްމީދު ބޮޑުކަމަށް ކްލަބުން ބުނެފިއެވެ. މިސީޒަންގެ އޭއެފްސީކަޕްގައި ނިއުރޭޑިއަންޓް މާލޭގައި ކުޅުނު ފުރަތަމަ މެޗުގައި އަނިޔާގެވެގެން ބޭލި ތަޖުރިބާކާރު ޑިފެންޑަރު ވަނީ މީގެ ތިން ދުވަސް ކުރިން ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށާފައެވެ. 

މުޙައްމަދު ރަޝީދުވެސް އަދި ކްލަބުންވެސް ބުނީ މިހާރު އަނިޔާ ރަނގަޅު ކަމަށާއި، އޭޕްރީލް 12 ދުވަހު މާލޭގައި ކުޅޭ މުޙިންމު މެޗުގައި ކުޅެވޭނެކަމަށް އުއްމީދުކުރާކަމަށެވެ. ހޮކޭއާއި ނުލައި ނިއުއިން ވަނީ އޭއެފްސީކަޕްގެ މުޙިންމު ދެމެޗު ރަށުން ބޭރުގައި ކުޅެފައެވެ. އޭގެތެރެއިން އެއް މެޗުން ބަލިވީ މެޗުގެ އިތުރު ވަގުތުގައެވެ. އެއީ ފިލިޕީންސްގެ ކާޔާ އެފްސީ އަތުންނެވެ. ރަށުން ބޭރުގައި ކިޗީއާއި ވާދަކުރި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

 ހޮކޭއާއެކު މާލޭގައި ސިންގަޕޫރުގެ ބެލަސްތާ އެފްސީއާ ވާދަކުރި މެޗު ނިމުނީ ދޭއް ދޭކުން އެއްވަރުވެގެންނެވެ.