ކުޅިވަރު

އެފްއޭއެމަށް ލިބޭ ފައިސާއަށް ޚިޔާނާތްވިކަމުގެ ކިތާބީ ހެކި އެބަހުރި: ފުލުހުން


ފީފާ އާއި އޭއެފްސީން އަދި އެނޫންވެސް ގޮތްގޮތުން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ލިބޭ ފައިސާ އެތަނުގެ ވެރިން ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަމުގެ ކިތާބީ ހެކި ފެންނަން އެބަހުރިކަމަށް ފުލުހުންގެ އިދާރާއިން ބުނެފިއެވެ.

ފުލުހުން ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލުގެ އަމުރަށް އެފްއޭއެމް ހައުސްއަށް ވަދެފައެވެ. އަދި އެ އިދާރާއަށް ވަދެ ފުލުހުން ވަނީ ގިނަ އަދަދެއްގެ ސާމާނު ގެންގޮސްފައެވެ. އޭގެ ތެރޭގައި ހާޑް ޑިސްކުތަކާއި ލިޔެކިޔުން އަދި ސާވާ ބެކަޕް ހިމެނެއެވެ.

އެފްއޭއެމަށް ވަދެ ހިންގި ތަހުގީގާ ގުޅޭގޮތުން ފުލުހުން ވަނީ ދާދިފަހުން ތަފްސީލީ މައުލޫމާތު ހާމަކޮށްފައެވެ. ފުލުހުން ބުނީ އެފްއޭއެމުގެ ރައީސް ހިމެނޭހެން އެ އިދާރާގެ ބައެއް އެހެން ފަރާތްތަކުގެ މައްޗަށް ފަރުދީގޮތުން ތުހުމަތުކުރެވޭ ޖިނާއީ ކުށްތަކެއްގެ ތަހުގީގުކުރުމަށް އެފްއޭއެމަށް ވަދެފައިވަނީ އެތަނުގައި ހުރި ލިޔެކިއުންތަކާއި ޑިޖިޓަލް ވަސީލަތްތަކުގައި މި މައްސަލަތަކާ ގުޅޭ ހެއްކާއި ގަރީނާ ލިބެންހުރި ކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ހުރުމުން ކަމަށެވެ.

އަދި އެ އިދާރާއިން ހިންގި ތަހުގީގުތަކުން އެފްއޭއެމަށް ލިބޭ ބޭރު ފައިސާ އަމިއްލަ ފަރާތްތަކުގެ އެކައުންޓުތައް މެދުވެރިކޮށް މުއާމަލާތްތައް ހިންގާފައިވާކަމުގެ ހެކި އެބަހުރި ކަމަށާއި، އެފްއޭއެމުގެ މާލީ މުއާމަލާތްތަކަށް ތަފްސީލު ގޮތެއްގައި ބަލަންޖެހޭނެތީ ޕީޖީގެ ލަފަޔާއެކު އެ އިދާރާގެ ޚާއްސަ އޮޑިޓެއް ހެދުމަށް އޮޑިޓާ ޖެނެރަލުގެ އޮފީހާއެކު މަޝްވަރާކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފައެވެ.

އެފްއޭއެމުން ވަނީ ފުލުހުންގެ މި ތަހުގީގަކީ ޒާތީ ކަމެއްގެ ގޮތުގައި އަދި ހާލަތުގެ ފައިދާ ނެގުމަށް ކުރާ ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. މިކަމަށް ރައްދުދީ ފުލުހުން ބުނީ މި ތަހުގީގަކީ މާލީ މުއާމަލާތްތަކުގެ ކިތާބީ ހެކިތަކުގެ މައްޗަށް ހިންގާ ތަހުގީގެއް ކަމަށާއި، މިއީ ޒާތީ ކަމެއްގެ ގޮތުގައި ސިފަކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ތަހުގީގު ކުރިއަށްދާގޮތުގެ ތަފުސީލުތައް ޕީޖީ އޮފީހާއި ހިއްސާކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެފްއޭއެމުން މީގެކުރިން ބުނެފައިވަނީ ފީފާ އާއި އޭއެފްސީން އެ އިދާރާއަށް ދޭ ފައިސާގެ ކަންކަން ގަވާއިދުން އޮޑިޓުކުރަމުން އަންނަ ކަމަށާއި، އެ އޮޑިޓުގެ ރިޕޯޓުތައް ފީފާ އާއި އޭއެފްސީއަށް ހިއްސާކުރާ ކަމަށެވެ. އަދި ކަމެއް ގޯސްކޮށް އުޅޭނަމަ އެކަން ފެންނާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އެފްއޭމުގައި ހުރި މައްސަލަތަކާ ގުޅިގެން ދާދިފަހުން އެ އިދާރާގެ ހިންގާ ކޮމިޓީގެ ދެ މެންބަރަކު ވަނީ އިސްތިއުފާ ދެއްވާފައެވެ. އެއީ ނައިބު ރައީސްގެ މަޤާމުގައި ހުންނެވި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އާއި ހިންގާ ކޮމިޓީގެ މެންބަރުކަން ކުރެއްވި ކުލަބު ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ޚަލީލެވެ.