ކުޅިވަރު

ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ބުރާސްފަތި ދުވަހު ފަށަނީ


މެދުކަނޑާލާފައިވާ އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ ކުޅުން އަންނަ ބުރާސްފަތު ދުވަހު ފަށަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފިއެވެ.

ގައުމީ ފުޓްބޯޅަ ޓީމުގެ ތައްޔާރީތަކަށާއި އޭއެފްސީ ކަޕުގައި ކުޅޭ މާޒިޔާގެ ތައްޔާރީތަކަށް މެދުކަނޑާލައިފާ އޮތް ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ނުފެށި ވަނީ ދިގުލައިގެން ގޮސްފައެވެ. ލީގުގެ ކުޅުން ފެށުން ލަސްވީ އެފްއޭއެމަށް ފީފާ އާއި އޭއެފްސީން އަދި އެނޫންވެސް ގޮތްގޮތުން ދޭ ފައިސާ، އެތަނުގެ ވެރިން ނަހަމަ ގޮތުގައި ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދާދި ފަހުން ފުލުހުން އެ އިދާރާއަށް ވަދެ ތަހުގީގުގެ ބޭނުމަށް ބައެއް ތަކެތި ގެންދިޔުމާ ގުޅިގެންނެވެ. އެއާއެކު އެފްއޭއެމުން އޭރު ނެރުނު ބަޔާނެއްގައި ވަނީ އެ އިދާރާއަށް ފުލުހުން ވަދެ ތަހުގީގަށް ބައެއް ސާމާނު ގެންދިއުމުން ދުވަހުން ދުވަހަށް ކުރަން ޖެހޭ މަސައްކަތް ހުއްޓިފައިވާ ކަމަށާއި، ލީގާއި ރޭވިފައި ހުރި އެހެން މުބާރާތްތައްވެސް ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެފައެވެ.

އެންމެ ފަހުން ލީގު މެޗެއް ކުޅެފައި ވަނީ މިދިޔަ އޯގަސްޓް މަހުގެ 29 ވަނަ ދުވަހުގެ ރެއެވެ. އޭގެ ފަހުން ލީގުގެ ކުޅުން މެދުކަނޑާލީ އޭއެފްސީ ކަޕުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުޅޭ މެޗުތަކަށާއި، ފީފާ ވޯލްޑް ކަޕް އަދި އޭއެފްސީ އޭޝިއަން ކަޕުގެ ކޮލިފައިންގައި ބަންގްލަދޭޝްއާ ދެކޮޅަށް ރާއްޖެ ކުޅުނު ދެ މެޗަށެވެ.

އެފްއޭއެމުން މިހާރު ތާވަލުކޮށްފައިވާ ޝެޑިއުލްގައިވާ ގޮތުން ލީގުގެ ކުޅުން އަންނަ ބުރާސްފަތި ދުވަހުގެ ހަވީރު ފަށާނީ ކުލަބު އީގަލްސް އާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ބައްދަލުކުރާ މެޗުންނެވެ. އަދި އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ އާއި ކުލަބު ވެލެންސިއާއެވެ.

ލީގުގެ ދެވަނަ ބުރުގެ ކުޅުން މިހާރު ކުރިއަށްދާއިރު، ތާވަލުގެ އެއްވަނައިގައި އީގަލްސް އޮތީ ކުޅުނު ނުވަ މެޗުން ލިބުނު 23 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއަށް އަށް މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް 10 މެޗުން ވަނީ 21 ޕޮއިންޓް ލިބިފައެވެ.