ޚަބަރު

އަންނަ އަހަރުން ފެށިގެން ގާނޫނުގައި ބަޔާންކުރާ މިންގަނޑަށް އޯވާޑްރާފްޓް ލިމިޓް ގެނެވޭނެ: އަމީރު


  • އިއާދަކުރެވޭނެ މިންވަރަށް އިޤްތިސާދު ކުރިއެރުމާއި އާމްދަނީގެ ޔަޤީންކަންވަނީ ލިބެން ފަށާފައި

  • މިކަން ކުރުމަށްޓަކައި، ފައިނޭންސިންގ އިންފްލޯތައް ހޯދައި، ތައްޔާރުވާން ޖެހޭ

އަންނަ އަހަރުން ފެށިގެން ގާނޫނުގައި ބަޔާންކުރާ މިންގަނޑަށް އޯވާޑްރާފްޓް ލިމިޓް ގެނެވޭނެ ކަމަށް ފިނޭންސް މިނިސްޓަރި އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނުގެ ދަށުން މަރުކަޒީ ބޭންކު، އެމްއެމްއޭއިން ސަރުކާރަށް ދަރަނި ނެގޭ މިންވަރު އޮންނަނީ ލިމިޓުކޮށްފައެވެ. ނަމަވެސް ކޯވިޑު ބަލިމަޑުކަމުގެ ތެރޭގައި، ސަރުކާރުން އެދިގެން، ރައްޔިތުންގެ މަޖިލީހުން ވަނީ އެ ގާނޫނުގައިވާ މިކަމާ ގުޅޭ މާއްދާއަށް އަމަލުކުރުން މިއަހަރުގެ ނިޔަލަށް އިސްތިސްނާކޮށްފައެވެ.

އެ މާއްދާއަކީ މަރުކަޒީ ބޭންކުން ސަރުކާރަށް ދަރަނި ނެގުމާ ގުޅޭ މާއްދާއެވެ. މި އިސްތިސްނާއާއެކު، މި މާއްދާގައި ބަޔާންކޮށްފައިވާ 1 އިންސައްތައިގެ ބަދަލުގައި އެމް.އެމް.އޭއިން ވަނީ 4.4 ބިލިއަން ރުފިޔާގެ "އޯވަރޑްރާފްޓް" ފެސިލިޓީއެއް ހަމަޖައްސަވައިދެއްވާފައެވެ. އަދި މި "އޯވަރޑްރާފްޓް" ފެސިލިޓީގެ ބައެއް 2 ފަހަރެއްގެ މަތިން މިހާރުވަނީ "ސެކިއުރިޓައިޒް" ކޮށްފައިއެވެ. އަދި "އޯވަރޑްރާފްޓް ލިމިޓް" މިއަހަރު ވަނީ 2 ބިލިއަން ރުފިޔާއަށް ކުޑަކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ މިއަހަރު ނިމޭއިރު މި ފެސިލިޓީގައި "އޯވަރޑްރާފްޓް" ކޮށްފައިވާ އަދަދު "ސެކިއުރިޓައިޒް" ކޮށްފައި، އަނބުރާ އިއާދަކުރެވޭނެ މިންވަރަށް އިޤްތިސާދު ކުރިއެރުމާއި އާމްދަނީގެ ޔަޤީންކަން ލިބެން ފަށާފައިވާ ކަމަށެވެ.

އެހެންކަމުން އަންނަ އަހަރުން ފެށިގެން ޤާނޫނުގައި ބަޔާންކުރާ މިންގަނޑަށް "އޯވަރޑްރާފްޓް ލިމިޓް" ގެނައުމަކީ ކުރެވިދާނެކަމެއްކަމަށް މިނިސްޓަރވަނީ ފާހަގަކުރައްވާފައެވެ.

"ނަމަވެސް، މިކަން ކުރުމަށްޓަކައި، ބަޖެޓު ފައިނޭންސްކުރުމަށް ރާވާފައިވާ ފައިނޭންސިންގ އިންފްލޯތައް ހޯދައި، ސަރުކާރުން އެކަމަށް ތައްޔާރުވާން ޖެހޭނެ" މިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ މެދުރާސްތާގައި ޑެފިސިޓް ދަށްކުރުމަކީ ފިސްކަލް ދެމެހެއްޓުމަށް މުހިއްމުކަމެއް ކަމަށެވެ. ވޭތުވެދިޔަ 4 އަހަރު ދުވަހު ދިމާވި ބޮޑެތި ކްރައިސިސްތަކާއެކު، ފިސްކަލް ހާލަތުވަނީ ހީނަރުވެފައިކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ ކޯވިޑަށް ފަހު އިސްލާހީ ފިޔަވަޅު އަޅަން ފެށި އަހަރު، ތެލުގެ އަގު މައްޗަށް ދިއުމުން ބަޖެޓަށް ބުރަބޮޑުވިކަމަށެވެ.

2026 ވަނަ އަހަރަކީ ބޮޑު އަދަދަކުން ރާއްޖެއިން ދަރަނި އަދާކުރުމަށް ހޭދަކުރަން ޖެހޭނެ އަހަރެކެވެ. މިގޮތުން، އެ އަހަރުގެ ދަރަނި ޚިދުމަތަށް، ދަރަނީގެ އިންޓްރެސްޓް އަދި ޕްރިންސިޕަލް އަދާކުރުމަށް، 1 ބިލިއަން ޔޫއެސް ޑޮލަރު ހޭދަކުރަން ޖެހެއެވެ. މީގެ ތެރޭގައި 2021 ވަނަ އަހަރު ވިއްކާފައިވާ ސޮވްރިން ސުކޫކްގެ 500 މިލިއަން ޑޮލަރު ހިމެނެއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ 2026 އަށް ތައްޔާރުވުމުގެ ގޮތުން ފިނޭންސް މިނިސްޓްރީއިން ވާނީ މިހާރުވެސް މަސައްކަތް ފަށާފައިކަމަށެވެ. އެގޮތުން، ދައުލަތުގެ ދަރަނީގެ ހިރާސްތައް ކުޑަކޮށް، ދަރަނި އަނބުރާ ދެއްކުމުގެ ޤާބިލުކަން އިތުރުކުރުމަށް ދަނީ މަސައްކަތް ކުރަމުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.