ކުޅިވަރު

ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަންނަ ހުކުރު ދުވަހު


ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ވީއޭއެމުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަންނަ ހުކުރު ދުވަހު ބޭއްވުމަށް ތާވަލުކޮށްފިއެވެ.

މި މަހުގެ ތިންވަނަ ދުވަހު ބޭއްވި ވީއޭއެމުގެ އަހަރީ ކޮންގްރެސްގައި ވަނީ އެ އެސޯސިއޭޝަނުގެ އަސާސީ ގަވާއިދު އިސްލާހުކޮށް، އައު އިންތިޚާބެއް ބޭއްވުމަށް ފާސްކޮށްފައެވެ. ވޮލީގެ އަހަރީ ކޮންގްރެސް ބޭއްވިއިރު، އެ އެސޯސިއޭޝަނުން މިދިޔަ އަހަރުތަކުގައި ގަވާއިދާ އެއްގޮތަށް އަހަރީ ކޮންގްރެސް ބާއްވާފައެއް ނުވެއެވެ. އެއާއެކު ލިޔެކިޔުން ހަމަނުވެގެން އުވާލާން އިޢުލާންކުރި ޖަމުޢިއްޔާތަކުގެ ތެރޭގައިވެސް ވީއޭއެމް ހިމެނުނެވެ.

ބޮޑު މެދުކެނޑުމަކަށްފަހު ވީއޭއެމުގެ އަހަރީ ކޮންގްރެސް ބޭއްވިއިރު، އަސާސީ ގަވާއިދަށް ގެނައި އިސްލާހުތަކާއެކު ކޮންގްރެސް ބާއްވާތާ 10 ދުވަހުގެ ތެރޭގައި ވީއޭއެމުގެ އައު އިންތިޚާބެއް ބޭއްވުމަށް ވަނީ ފާސްކޮށްފައެވެ. އެހެންކަމުން ވީއޭއެމުގެ އައު އިންތިޚާބެއް ލަސްވެގެން އިއްޔެ ބާއްވަން ޖެހޭނެއެވެ.

އެއާއެކު ވޮލީގެ ބައެއް ކުލަބުތަކުން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވި ވީއޭއެމުގެ ކުރީގެ ރައީސް އަދި ކުލަބު ވޮލީބޯލްގެ ރައީސް މުޙައްމަދު ލަތީފު ވިވަނީ ކަނޑައެޅިފައިވާ މުއްދަތުގައި އިންތިޚާބު ނުބާއްވައިގެން އެސޯސިއޭޝަނުގެ މެންބަރު 18 ކުލަބުގެ ތެރެއިން 11 ކުލަބަކުން ސޮއިކޮށް، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ދިނުމަށް އެދިފައިވާނެ ކަމަށް ވިދާޅުވެފައެވެ. އޭޝިއާ ސެންޓްރަލް ޒޯން ވޮލިބޯލް އެސޯސިއޭޝަން (ކާވާ) ގެ ރައީސްކަންވެސް ކުރައްވާ ލަތީފު ވިދާޅުވީ ވަކި އަދަދަކަށް ކުލަބުތައް ސޮއިކޮށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި ދިނުމަށް އެދުމުން ވީއޭއެމުން ކޮންގްރެސްއެއް ބާއްވަން ޖެހޭނެ ކަމަށެވެ.

އެއާއެކު ވީއޭއެމުން އިއްޔެ ކުލަބުތަކަށް ފޮނުވި ސިޓީއެއްގައި ވަނީ އަންނަ ހުކުރު ދުވަހު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވާނެކަން އިއުލާންކޮށްފައެވެ. އަދި އެ ކޮންގްރެސްގައި ބައިވެރިވުމުގެ ދައުވަތު، ވޯޓުލުމުގެ ހައްގު ލިބިފައިވާ 16 ކުލަބަށް ވީއޭއެމުން ވަނީ ދީފައެވެ. ވީއޭއެމުގައި ރަޖިސްޓްރީކޮށްފައިވާ ފުރިހަމަ މެންބަރު ހުރިހާ ކުލަބަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމަށް ފާސްކުރީ އެންމެ ފަހުން ބޭއްވި އަހަރީ ކޮންގްރެސްގައެވެ.

އައު އަސާސީ ގަވާއިދާ އެއްގޮތަށް ވީއޭއެމުން އައު އިންތިޚާބެއް ބާއްވަން މަސައްކަތްކުރަމުން އަންނައިރު، އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް މުޙައްމަދު ރަނޭޝް އިންތިޚާބުކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.