ޚަބަރު

އިނގިރޭސިވިލާތުގެ ދާޚިލީ ވަޒީރަކަށް ކުރީގެ ބޮޑުވަޒީރު ކެމަރަން


އިނގިރޭސިވިލާތުގެ ދާޚިލީ ވަޒީރު ކަމުގެ މަޤާމާ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރަން ހަވާލުވެ ވަޑައިގަންނަވައިފިއެވެ. އޭނާ މި މަޤާމާ ހަވާލުވެ ވަޑައިގަންނަވާފައި ވަނީ، އެ މަޤާމު ކުރިން ފުރުއްވަމުން ގެންދެވި ސުއެލާ ބްރޭވަރމަން އެ މަޤާމުން ވަކި ކުރުމާ ގުޅިގެންނެވެ.

ކެބިނެޓުން ބްރޭވަރމަން ވަކި ކުރަން ބޮޑުވަޒީރު ރިޝީ ސޫނާކް ނިންމަވާފައި ވަނީ، ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅޭ މައްސަލައެއްގައެވެ. ބްރޭވަރމަނަކީ އެންމެ ކުރިން ފެށިގެން ވެސް ޔަހޫދީންގެ ޖަރީމާތަކަށް ތާޢީދު ކުރައްވާ ބޭފުޅެކެވެ. މިއީ، ސުނާކުގެ ބަދަލުގައި ބޮޑުވަޒީރު ކަމުގެ މަޤާމާ ހަވާލުވާން އޭނާ ފައްޓަވާފައިވާ ކެމްޕޭނުގެ ދަށުން ދެމުންދާ ތާޢީދެއްގެ ގޮތުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ސިފަ ކުރެއެވެ.

ޔަހުދީންގެ ގަތުލުއާންމު ހުއްޓުވަން ގޮވައިލާ އެތަކެއް ސަތޭކަ ހާސް ބަޔަކު އިނގިރޭސިވިލާތުގެ ބޮޑެތި ރަށްތަކުގެ މަގުތަކުގައި ހިނގައިލުންތައް ބާއްވަމުންދާއިރު، ބްރޭވަރމަން ވަނީ އެ ކަން ހުއްޓުވަން މަސައްކަތް ކުރައްވާފައެވެ. އަދި، ފަލަސްޠީނުގެ މުސްލިމުންގެ ހައްޤުތަކަށް ވަކާލާތުކޮށް އަޑުއުފުލާ މީހުންނާ މެދު ހަރުކަށި ފިޔަވަޅު އަޅަން މަސައްކަތް ކުރައްވާފައެވެ. އަދި، ހިނގައިލުންތަކަށް ހުރަސް އަޅަން ފުލުހުން ދެކޮޅު ހެދުމުން، ބްރޭވަރމަން ވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ޣައްޒާގައި ޔަހޫދީން ލާއިންސާނީ ޖަރީމާތަކެއް ހިންގަމުންދާ މި ދަނޑިވަޅުގައި އިނގިރޭސިވިލާތުގެ ދާޚިލީ ވަޒީރު ކަމުގެ މަޤާމާ ކެމަރަން ހަވާލުވެ ވަޑައިގަތުމާ އެކު ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ. ޔަހޫދީންގެ އުދުވާނާ މެދު އިނގިރޭސިވިލާތުން ގެންގުޅޭ ސިޔާސަތާއި، ދެކޭ ގޮތަށް ބަދަލުތަކެއް އަތުވެދާނެ ކަމާ މެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ސަބަބަތަކެއް ވެސް އެބަހުއްޓެވެ.

ކެމަރަންއަކީ ވެސް ޒަޔަނިސްޓު އިސްރާޢީލަށް ތާޢީދު ކުރައްވާ ބޭފުޅެކެވެ. އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން އިސްރާޢީލަށް ދިން ހަމަލަ އޭނާ ވަނީ ކުށްވެރި ކުރައްވާފައެވެ. އަދި، މި މައްސަލައިގައި އިނގިރޭސިވިލާތުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތަށް ފުރިހަމައަށް ތާޢީދު ކުރައްވާ ކަން ހާމަ ކުރައްވާފައެވެ.

ނަމަވެސް، ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވިއިރު، އޭނާ ވަނީ ފަލަސްޠީނުގެ މުސްލިމުންގެ ހައްޤުގައި ވެސް ވަކާލާތު ކުރައްވާފައެވެ. އެއިރު އޭނާ ވިދާޅުވެފައި ވަނީ ޣައްޒާއަކީ 'ޕްރިޒަން ކޭމްޕެ'އް ނުވަތަ ބޮޑު ޖަލަކަށް ހަދައިލާފައިވާ ކަމުގައެވެ. އަދި، ފަލަސްޠީނާއި އިސްރާޢީލުގެ މިނިވަން ދެ ދަޢުލަތައް ގާއިމު ކުރުމަށް ތާޢީދު ކުރައްވާ ކަން ވެސް އޭނާ ކުރިން ހާމަ ކުރައްވާފައިވެއެވެ. މި މައްސަލައަށް އޮތް އެންމެ ރަނގަޅު ހައްލަކީ އެއީ ކަމުގައި އޭނާ ދެކެވަޑައިގަންނަވައެވެ.

ދާޚިލީ ވުޒާރާ ކެމަރަންއާ ހަވާލު ކުރުމާ ގުޅޭ ގޮތުން މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުގެ ޚިޔާލު ހުރިނެތްގޮތް ބަލައިލާއިރު، ލަންޑަނުގައި ހުންނަ ސްކޫލް އޮފް އޮރިއެންޓަލް އެންޑް އެފްރިކަން ސްޓަޑީޒްގައި ބައިނަލްއަޤުވާމީ ގުޅުންތަކާ ބެހޭ ދާއިރާގެ ޕްރޮފެސަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ބެން ވިޓްމަން ވިދާޅުވީ، ކެމަރަން ފަލަސްޠީނުގެ މުސްލިމުންގެ ހައްޤުތަކަށް ވަކާލާތު ކުރާ މަންޒަރު ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމުގައެވެ.

"[ވެރިކަން ކުރާ] ކޮންޒަރވެޓިވް ޕާޓީގެ އެހެން އިސްވެރިންނެކޭ އެއް ފަދައިން ކެމަރަން ވެސް މި ކަމުގައި ނަގާނީ [ޒަޔަނިސްޓު] އިސްރާޢީލުގެ ފަޅި. އަދި، ޔަހޫދީންގެ މިނިވަން ކަމުގެ ހައްޤުގައި ފަލަސްޠީނުގެ މުސްލިމުން ޝަހީދު ކުރުމަކީ އިސްރާޢީލަށް ލިބިގެންވާ ހައްޤެއް ކަމަށް ބުނާ ބުނުމަށް އޭނާ ވެސް ތާޢީދު ކުރައްވާނެ،" ވިޓްމަން ވިދާޅުވިއެވެ. ކެމަރަން އެ މަޤާމަށް ޢައްޔަން ކުރައްވަން ސޫނާކް ނިންމަވާފައި ވަނީ، ކޮންޒަރވެޓިވް ޕާޓީގެ ތެރޭގައި އޮތް ދެބަސްވުންތަކެއް ހައްލު ހުރުމުގެ ބޭނުމުގައި ކަމަށް ވެސް ވިޓްމަން ދެކިވަޑައިގަންނަވައެވެ.

ކެމަރަން އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކަމުގެ މަޤާމު ފުރައްވާފައި ވަނީ 2010 އިން 2016 ވަނަ އަހަރާ ހަމައަށެވެ. އެއިރު އޭނާ ވަނީ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުވަން ޒަޔަނިސްޓު އިސްރާޢީލުން ކުރަމުން ދިޔަ މަސައްކަތްތަކާ ދެކޮޅަށް އަޑު އުފުއްލަވާފައެވެ. އަދި، އެއީ ބައިނަލްއަޤުވާމީ ޤާނޫނުތަކާ ޚިލާފަށް ހިންގަމުންދާ އަމަލުތަކެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.