ޚަބަރު

މެލޭޝިޔާ އޮންއެރައިވަލް ވިސާ 90 ދުވަހަށް އިތުރުކުރަނީ


މެލޭޝިޔާއަށް ދަތުރުކުރާ ދިވެހިންނަށް 90 ދުވަހަށް އޮންއެރައިވަލް ވިސާ އިތުރުކޮށްދެއްވުމަށް މެލޭޝިޔާގެ ބޮޑުވަޒީރާއެކު ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރައްވައިފި

މެލޭޝިޔާގެ ބޮޑު ވަޒީރު ހިޒް އެކްސެލަންސީ ޑާޓޯ ޝްރީ ޙާޖީ މުޙައްމަދު ނަޖީބު ބިން ޓުން ޙާޖީ ޢަބްދުލް ރައްޒާގު މުހައްމަދު ނަޖީބު ރައްޒާގާއި އެކު މިމަޝްވަރާތައް ރައީސުލްޖުމްހޫރިއްޔާ ބޭއްވެވީ އެމަނިކުފާން މިހާރު މެލޭޝިޔާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޭއްވި ބައްދަލުކުރެއްވުމުގައިއެވެ.

އޮން އެރައިވަލް ވިސާ 90 ދުވަހަށް އިތުރުކުރުމުގެ އިތުރުން، މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ކަލްޗަރަލް ސެންޓަރެއް ޤާއިމްކުރެއްވުމަށްވެސް މެލޭޝިޔާގެ ބޮޑުވަޒީރާއިއެކު މަޝްވަރާކުރައްވާފައިވެއެވެ. އަދި އެކަމުގައި މެލޭޝިޔާގެ ކަމާއި ބެހޭ ފަރާތްތަކާއި ގުޅިވަޑައިގެން ކުރިއަށްދިއުމަށް މެލޭޝިޔާގެ ބޮޑުވަޒީރު އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން މެލޭޝިޔާގެ ޤައުމީ ތެޔޮ ކުންފުނިން ރާއްޖެއަށް ތެޔޮ ވިއްކުމާއި މެދު ވިސްނަވާނޭކަމަށްވެސް މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ޑިޕެންޑަންޓް ވިސާގެ މައްސަލައަށްވެސް ރަނގަޅު ހައްލެއް ހޯއްދަވާދެއްވާނޭކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މެލޭޝިޔާގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓްކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް ވިދާޅުވިއެވެ.

ރާއްޖެ އާއި މެލޭޝިޔާގެ އިސްވެރިންގެ ބައްދަލުވުމަށްފަހު، މެލޭޝިޔާގެ ބޮޑުވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި ޚާއްސަ ޖާފަތެއް ބާއްވާފައެވެ.