ޚަބަރު

ކުޅުދުއްފުށިން ގެއްލިގެން ހޯދަމުން އަންނަ ޢަބްދުﷲ އިބްރާހީމް ނުފެންނާތީ އަދިވެސް ހޯދަނީ


  • ގެއްލިގެން ހޯދަނީ 39 އަހަރުގެ ދިވެހި ފިރިހެނެއް

  • އެންމެ ފަހުން ފެނިފައިވަނީ ކުޅުދުއްފުށިން

ގެއްލިގެން ހޯދަމުން އަންނަ ކުޅުދުއްފުށީ ސިޓީ، ލަންދޫގެ އުމުރުން 39 އަހަރުގެ ޢަބްދުﷲ އިބްރާހީމް ފެނިފައިނުވާތީ އޭނާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުން އަންނަ ކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ އެމީހާ ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ 3 ނޮވެމްބަރުވީ ހުކުރު ދުވަހުކަމަށެވެ.

އޭރު އާއިލާއިން ފުލުހުންނަށް މަޢުލޫމާތުދީފައިވާ ގޮތުގައި އޭނާ އެންމެ ފަހުން ފެނިފައިވަނީ ނޮވެމްބަރު 2 ވަނަ ދުވަހު ހެނދުނު ކުޅުދުއްފުށިންނެވެ. ނަމަވެސް ނޮވެމްބަރު 3 ވަނަ ދުވަހުގެ ފަހުން އެއްދުވަހު އޭނާ މާލެ، ވިލިމާލެ ފެރީޓާމިނަލް ކައިރިން އާންމުންގެ މީހަކަށް ފެނުނުކަމަށް އާއިލާ މީހެއްގާތު ބުނެފައިވާ ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއެވެ.

އަބްދުﷲ އިބްރާހީމްގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ކުޅުދުއްފުށި ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791382 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުންގެ ޚިދުމަތުންވަނީ އެދިވަޑައިގެންފައެވެ.