ޚަބަރު

ޕީއެސްއެމާއެކު އިތުރު 8 ކުންފުންޏެއްގެ އެމްޑީއަކަށް އަންހެނުން


  • މަދުވެގެން 8 ކުންފުނީގެ އެމްޑީއަކަށް އަންނާނީ އަންހެނުން

  • ޕީއެސްއެމްގެ އެމްޑީއާއި އެމްއެންޔޫގެ ވައިސް ޗަންސެލަރަކަށްވެސް އަންހެނުން

  • އަންހެނުން މަޖިލީހަށް ކުރިމަތިލެއްވުމަށް އެދިވަޑައިގެންނެވި

ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު ހިމެނޭހެން އިންތިޚާބީ ސަރުކާރުގެ މަދުވެގެން 8 ކުންފުނީގެ އެންމެ މަތީ މަޤާމަށް ވަޑައިގަންނަވާނީ އަންހެނުން ކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިންތިޚާބަށްފަހު ރާއްޖޭގެ ހުރިހާ މީޑިއާތަކާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރަކީ އަންހެނުންގެ ބައިވެރިވުމާއި ހިއްސާ ބޮޑު ސަރުކާރަކަށްވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރައްވާފައެވެ. ޑރ.މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި އަންހެނުންނަށް ފުރުސަތު ދެއްވުމުގެ ގޮތުން ސަރުކާރުގެ 3 ވުޒާރާއަކާއި މަދުވެގެން ސަރުކާރުގެ 8 ކުންފުނީގެ އެންމެ މަތީ މަޤާމުގައި ތިއްބަވާނީ އަންހެނުން ކަމަށެވެ.

"ޕަބްލިކް ސަރވިސް މީޑިއާގެ މެނޭޖިންގ ޑިރެކްޓަރަކަށްވެސް މިފަހަރު ވަޑައިގަންނަވާނީ އަންހެން ބޭފުޅެއް. އަދި މިހާތަނަށް އަޅުގަނޑު ކޮންފަރމްކޮށްފައިވަނީ މަދުވެގެން 8 އެސްއޯއީގެ އެމްޑީގެ މަޤާމުގައި ތިއްބަވާނީ އަންހެން ބޭފުޅުންގެ ގޮތުގައި." ޑރ.މުޢިއްޒު ވިދާޅުވިއެވެ.

ޑރ.މުޢިއްޒު ވިދާޅުވީ ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗަންސެލަރަކަށްވެސް މިފަހަރު ވަޑައިގަންނަވާނީ އަންހެން ބޭފުޅެއްކަމަށެވެ. ޑރ.މުޢިއްޒު ވިދާޅުވީ ފާއިތުވި ސަރުކާރުތަކުގައި ކުންފުނިތަކުގެ ހިންގުމުގެ ސަފުން ދެބޭފުޅަކަށް ނޫނީ އަންހެނުންނަށް ފުރުސަތު ލިބިފައިނުވާކަމަށެވެ. ޑރ.މުއިއްޒުވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހަށް އަންހެނުން ކުރިމަތިލައްވާ ރައްޔިތުންގެ ބަސް އިއްވުމުގެ މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

ޑރ.މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ޕީޕީއެމް/ޕީއެންސީގެ ސްލޮޓުތަކުގައި މަޖިލީހަށް ވަޑައިގަންނަވާ އަންހެނުންނަށް ޚާއްސަ އެލަވަންސްތަކެއް ޕާޓީގެ ބަޖެޓުން ދެއްވުމަށް މަސައްކަތްކުރައްވާނެކަމަށެވެ.