ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމާއި، ދަ ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ ޢާޒިމްގެ ނަން ހުށައަޅައިފިއެވެ. އެ ދެބޭފުޅުންގެ ނަން މަޖިލީހުގެ ރައީސްކަމަށް ހުށައެޅީ މަޖިލީހުގެ ރައީސަކު އައްޔަންކުރުމަށް މިހާރު ކުރިއަށްދާ މަޖިލީހުގެ ޖަލްސާގައެވެ.
މަޖިލީހުގެ ރައީސަކަށް އައްޔަންކުރައްވާނީ މުޙައްމަދު އަސްލަމްކަމަށް އެޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ފާސްކޮށްފައެވެ. މަޖިލީހަށް ރައީސަކު އައްޔަންކުރަނީ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އަދި ވޯޓުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ފަސް މެންބަރުންގެ ކޮމިޓީއެއް އެކުލަވާލާފައެވެ.
މަޖިލީހުގެ ރައީސަކު އިންތިޚާބު މިކުރަނީ، އެމަޤަމުގައި ހުންނެވި ރައީސް މުޙައްމަދު ނަޝީދު މިއަދު އެ މަޤާމުން އިސްތިއުފާދެއްވާފައިވާތީއެވެ. އެމަނިކުފާނު މަޤާމުން އިސްތިއުފާދެއްވީ ދެފަހަރެއްގެ މަތިން އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅައި މަޖިލީހުގެ ޖަލްސާތައް ކުރިއަށް ނުގެންދެވި ދިގުލައިގެން ގޮސްފައިވަނިކޮށެވެ.
ރައީސް ނަޝީދު އިސްތިއުފާ ދެއްވާ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، މަޖިލީހުގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަށް ނިންމެވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ މައްސަލައާ ހެދި ރާއްޖޭގެ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަށް ކުރާނެ އަސަރުތަކަށް ވިސްނެވުމަށްފަހުގައިކަމަށެވެ. ނަޝީދު ވިދާޅުވީ މަޖިލީހުގައި އަޣުލަބިއްޔަތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީންވަނީ ޑިމޮކްރެޓިކް އަސާސީ އުސޫލުތަކަށް ނުރައްކާވާފަދަ ޢަމަލުތަކެއް ހިންގާފައިވާ ކަމަށެވެ.
އެގޮތުން ދެވަނަ ފަހަރަށް އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށްފަހު އެމްޑީޕީންވަނީ މަޖިލީހުގެ ބާރުތައް އަބަދުގެ އަބަދަށް ހަނިވާނެ ހުރިހާކަމެއްކޮށްފައި ކަމަށް ނަޝީދު ވިދާޅުވިއެވެ. މަޖިލީހުގެ އަމިއްލަ ގަވާއިދަކީ މަޖިލީހުގެ މެމްބަރުން އެކުލަވާލާ ގަވާއިދަކަށްވާއިރު އެގަވާއިދު މާނަކުރުމަށްކަމަށްބުނެ ފަނޑިޔާރުގެއަށް ދިޔަ ދިޔުމަކީ މަޖިލީހުގެ ބާރު ހަނިކުރުން ކަމަށް ރައީސް ނަޝީދުގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ. އަދި މަޖިލީސް ހިނގުމާއި ގުޅޭގޮތުން މަޖިލީހުގެ ކޮމިޓީއަކުން ބަންޑާރަ ނައިބު އަރިހުގައި ލަފާ ހޯއްދެއްވުމަށްވެސް ނަޝީދުވަނީ ފާޑުވިދާޅުވެފައެވެ.