ޚަބަރު

މަޖިލީހުގެ ރައީސްކަމުން ނަޝީދު އިސްތިޢުފާ ދެއްވައިފި


  • މިކަން ހާމަކުރީ އެމަނިކުފާނު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ކުރުމަށް ކުރިއަށް ދިޔަ ޖަލްސާގައި

  • މިޖަލްސާގައި ރައީސް ނަޝީދުވަނީ އެސިޓީ ފޮނުއްވިކަން ކަށަވަރުކޮށްދެއްވާފައި

  • އިސްތިއުފާދެއްވީ މަޖިލީހުގެ މެޖޯރިޓީ ޕާޓީން މަޖިލީހަށް ދޭ ގެއްލުން އިތުރަށް ބޮޑުވެގެންދާނެތީ ކަމަށް

މަޖިލީހުގެ ރައީސްކަމުން ރައީސް މުހައްމަދު ނަޝީދު އިސްތިޢުފާ ދެއްވައިފިއެވެ.

ނަޝީދު އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އެމަނިކުފާން ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރުގެ މަސައްކަތް ކުރުމަށް ޖަލްސާ ބާއްވަމުން ދަނިކޮށެވެ.

ނަޝީދުގެ އިސްތިއުފާ ސިޓީ މަޖިލީހުގެ ތަޅުމަށް އިއްވީ މިޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދަވާ އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފެވެ. މިޖަލްސާގައި ރައީސް ނަޝީދުވަނީ އެމަނިކުފާނު އެސިޓީ ފޮނުއްވިކަން ތަޅުމުގައި ކަށަވަރު ކޮށްދެއްވާފައެވެ.

ރައީސް ނަޝީދު އިސްތިއުފާ ދެއްވާ މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވީ، މަޖިލީހުގެ ރައީސްކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަށް ނިންމެވީ ރައްޔިތުންގެ މަޖިލީހުގައި މިހާރު ހިނގަމުންދާ މައްސަލައާ ހެދި ރާއްޖޭގެ ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމަށް ކުރާނެ އަސަރުތަކަށް ވިސްނެވުމަށްފަހުގައިކަމަށެވެ. ނަޝީދު ވިދާޅުވީ މަޖިލީހުގައި އަޣުލަބިއްޔަތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީންވަނީ ޑިމޮކްރެޓިކް އަސާސީ އުސޫލުތަކަށް ނުރައްކާވާފަދަ ޢަމަލުތަކެއް ހިންގާފައިވާ ކަމަށެވެ.

އެގޮތުން ދެވަނަ ފަހަރަށް އެމަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށްފަހު އެމްޑީޕީންވަނީ މަޖިލީހުގެ ބާރުތައް އަބަދުގެ އަބަދަށް ހަނިވާނެ ހުރިހާކަމެއްކޮށްފައި ކަމަށް ނަޝީދު ވިދާޅުވިއެވެ. މަޖިލީހުގެ އަމިއްލަ ގަވާއިދަކީ މަޖިލީހުގެ މެމްބަރުން އެކުލަވާލާ ގަވާއިދަކަށްވާއިރު އެގަވާއިދު މާނަކުރުމަށްކަމަށްބުނެ ފަނޑިޔާރުގެއަށް ދިޔަ ދިޔުމަކީ މަޖިލީހުގެ ބާރު ހަނިކުރުން ކަމަށް ރައީސް ނަޝީދުގެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ. އަދި މަޖިލީސް ހިނގުމާއި ގުޅޭގޮތުން މަޖިލީހުގެ ކޮމިޓީއަކުން ބަންޑާރަ ނައިބު އަރިހުގައި ލަފާ ހޯއްދެއްވުމަށްވެސް ނަޝީދުވަނީ ފާޑުވިދާޅުވެފައެވެ.

މެޖޯރިޓީ ޕާޓީން ސުޕްރީމް ކޯޓަށް ދިޔަ މައްސަލައިގައި އެކޯޓުން ކުރި ޙުކުމުގައިވެސް އެކަމުގެ ނުރައްކާތެރިކަން ފާހަގަކުރައްވާފައިވާކަން ރައީސް ނަޝީދުގެ ސިޓީފުޅުގައިވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މަޖިލީހުގެ އެތެރޭގެ ކަމެއްގެ ތެރެއަށް ކޯޓުން ވަނުމަކީ ވަރަށް އިސްތިސްނާ ޙާލަތެއްގައި ނޫނީ ކުރެވޭނެ ކަމެއް ނޫންކަމަށް ސުޕްރީމް ކޯޓުން ފާހަގަކުރައްވާފައިވާއިރު، އޭގެ ނަތީޖާއެއްގެގޮތުން ކޯޓުގެ ނިންމުންތައް ސިޔާސީވުމަށް މަގުފަހިވެ ސިޔާސީކަންކަމަކީ ޤާނޫނީ މައްސަލައަށް ބަދަލުވުމަށް މަގުފަހިވެގެން ގޮސްފައިވާކަމަށް ނަޝީދުވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ސީޓިފުޅުގައި ވިދާޅުވީ ސިޔާސީ ކަންކަމަކީ ވާހަކަދައްކައިގެން މަޝްވަރާގެ އުސޫލުން ޤައުމީ މަސްލަޙަތު ކުރިއަށް ނެރެ އެއްބަޔަކު އަނެއްބަޔަކަށް ދޫދީގެން ޙައްލުކުރަންޖެހޭކަންކަން ކަމުގައެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުން މިކަންބޮޑުވުންތައް ފާހަގަކުރެއްވުމަށްފަހުވެސް ބަހާއި ޢަމަލާ ދިމާނުވާތީ އެކަމަށް ރައީސް ނަޝީދުވަނީ ފާޑުވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ އިސްތިއުފާގެ ސިޓީފުޅުގައިވަނީ މަޖިލީހުގެ ރައީސްކަމުގައި އެމަނިކުފާނު އިތުރަށް ދެމިހުރެއްޖެނަމަ މަޖިލީހުގެ މެޖޯރިޓީ ޕާޓީން މަޖިލީހަށް ދޭ ގެއްލުން އިތުރަށް ބޮޑުވެގެންދާނެތީ އެމަނިކުފާނު އެމަގާމުން އިސްތިއުފާ ދެއްވާ ކަމަށެވެ.

އަދި އެމަނިކުފާނުގެ އިސްތިއުފާއަކީ ޑިމޮކްރެޓިކް ނިޒާމުގެ ތެރޭގައި ހަމަޖެހުމާއި، ނަޒާހަތްތެރިކަން އަލުން އާލާކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމަށް އުއްމީދުކުރައްވާކަމަށްވެސް ސިޓީފުޅުގައިވަނީ ބަޔާންކުރައްވާފައެވެ.

ރައީސް ނަޝީދު އިސްތިއުފާދެއްވާފައިވާއިރު 49 މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲގެ އިތުބާރު ނެތް މައްސަލަވެސް މިއަދުވަނީ މަޖިލީހަށް ވައްދާފައެވެ. މިއީ އީވާގެ މައްސަލަވެސް މަޖިލީހަށް ވެއްދި ދެވަނަ ފަހަރެވެ.