ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލި ފުރުސަތުގައި އެލިސްޓަށް ބަދަލުތަކެއް އަންނަ ވަރުގެ ޝަކުވާތައް ލިބިފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރާ 4000 ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ފުރަތަމަ ފުރުޞަތު ދިނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ހުކުރު ދުވަހަށެވެ. ޕްލޭނިން މިނިސްޓްރީން ފްލެޓް ލިސްޓަށް ޝަކުވާ ހުށައެޅުމަށް ހުޅުވާލީ ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމު ކުރުމާ އެކު ޕޮއިންޓު ލިބިފައި ހުރި ގޮތާ މެދު އާންމުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް ހުރުމުންނެވެ. ދާއިމީ ލިސްޓަށް ޝަކުވާއަށް ހުޅުވާލުމުން މުއްދަތު ހަމަވިއިރު 7521 ޝަކުވާ ހުށައަޅާފައިވާކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެއެވެ.
ފްލެޓުތަކުގެ މައްސަލަ ބަލަން އެކުލަވާލާފައިވާ ފްލެޓު ކޮމިޓީގެ ޗެއަރޕާސަންގެ މަގާމުގައި ހުންނަވާ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން ވިދާޅުވީ ޝަކުވާތައް ބެލުމުގެ މަސައްކަތް މިހާރު ވެސް ކުރައްވަމުން އަންނަ ކަމަށެވެ. އެ މަސައްކަތް މާދަމާއަށް ނިންމުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށާއި ދާއިމީ ލިސްޓަށް ބަދަލުތަކެއް އަންނަ ވަރުގެ ޝަކުވާތަކެއް ލިބިފައި ހުރިކަމަށެވެ. ނަމަވެސް ޝަކުވާތައް ބެލުމަށްފަހު އަލުން ލިސްޓް އާންމުކުރައްވާނެ ދުވަހެއް އަކްރަމް ވިދާޅެއްނުވެއެވެ.
ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވަނީ މިދައުރު ނިމުމުގެ ކުރިން ފްލެޓް ލިބުނުކަމުގެ ލިޔުން ހަވާލުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.
ފްލެޓް ލިސްޓް ކަނޑައެޅުމުގައި ގިނަ އޮޅުވާލުންތަކެއް ހުރިކަމަށްބުނެ އާއްމުންގެ ގިނަ ބަޔަކު ވަނީ މިނިސްޓްރީދޮށަށް އެއްވެ ކަންބޮޑުވުން ފާޅުކޮށްފައެވެ. ގިނަ މީހުން ބުނެފައިވަނީ، މާކްސް ދީފައިވަނީ ދިރިއުޅުމުގެ ޙާލަތަށް ބެލުމެއް ނެތި، ނުޙައްގުންކަމަށެވެ. އަދި އަމިއްލަ މަސްލަހަތު އޮންނަ މީހުންނަށް ފްލެޓްތައް ބަހާލާފައިވާކަމުގެ ތުޙުމަތުވެސް އާއްމުން ކުރެއެވެ.
ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައި ވަނީ ފުރަތަމަ ބުރުގައި ފްލެޓް ލިބޭ މީހުން ކަނޑައަޅާފައިވަނީ ފޯމުގައިވާ މަޢުލޫމާތަށް ބެލުމަށްފަހުކަމަށެވެ. އަދި ހޮވާލެވުނު ބައެއް ގޭގެއަށް ޒިޔާރަތްކޮށް ޙާލަތު ބަލާފައިވާކަމަށެވެ. މިކަމާގުޅިގެން އާއްމުންގެ ޝަކުވާ ބޮޑުވެ، ގިނަ ތުޙުމަތުތަކެއް ކުރަން ފެށުމުން އޭސީސީއިން އަންނަނީ މި މައްސަލަ ބަލަމުންނެވެ.
"ގެދޮރުވެރިޔާ" ސްކީމަށް ފޯމު ހުށައެޅި 20،697 މީހުންގެ ތެރެއިން 13000 އަށްވުރެ ގިނަ މީހުން ފްލެޓަށް ޝަރުތު ހަމަވާކަމަށް ސަރުކާރުން ނިންމެވިއެވެ. ޕްލޭނިން މިނިސްޓްރީން ނެރުއްވާފައިވާ ދާއިމީ ލިސްޓާއެކު، މިވަގުތު ސަރުކާރުން ތަރައްޤީކުރަމުންދާ 4000 ފްލެޓް ލިބޭ މީހުން ކަށަވަރުކޮށްފައިވަނީ އެންމެ މަތިން މާކްސް ލިބުނު މީހުންގެ ތަރުތީބުންކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. އެގޮތުން ފްލެޓްތަކުގެ ތެރެއިން ފުރަތަމަ ބުރުގައި ދޫކުރާ ހަތަރުހާސް ފްލެޓު ލިބޭނީ 3 ކޮޓަރީގެ ފްލެޓުތަކުގެ ތެރެއިން 76 އިން މަތިން މާކްސް ލިބިފައިވާ މީހުންނަށްކަމަށާއި، 2 ކޮޓަރީގެ ފުލެޓް ލިބޭނީ 73 އިން މަތިން މާކްސް ލިބިފައިވާ ފަރާތްތައްކަމަށް ޕްލޭނިން މިނިސްޓްރީން ވިދާޅުވެފައިވެއެވެ.