ޚަބަރު

ކޯރަމް ހަމަނުވެގެން މަޖިލީހުގެ ޖަލްސާ މެދުކަނޑާލައިފި


  • މިއަދުގެ ޖަލްސާއަށް އެޖެންޑާ ކުރީ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓްގެ މަސައްކަތް

  • ކޯރަމް ހަމަކޮށްގެން ޖަލްސާ ފެށޭތީ މަސައްކަތް ކުރައްވާނެ ކަމަށް އީވާ ވިދާޅުވި

ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓްގެ މަސައްކަތް ކުރަން އެޖެންޑާކުރި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކޯރަމް ހަމަނުވެގެން މެދުކަނޑާލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވަމުން ގެންދެވި މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ މަޖިލީހުގެ ކުޑަ ދަށުގައި މެމްބަރުން ތިއްބެވި ކަމަށާއި، ކޯރަމް ބެލް ޖެހުމުންވެސް ތަޅުމަށް މެމްބަރުން ހާޒިރުނުވުމުން ޖަލްސާގެ ކޯރަމް ހަމަވެފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ކޯރަމް ހަމަވޭތޯ މަޑުކުރައްވާނެ ކަމަށާއި، ކޯރަމް ބެލް ޖަހައިގެން ކޯރަމް ހަމަވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.

އީވާ ވިދާޅުވީ މަޖިލީހަށް ބަޖެޓް ހުށަހަޅާ ބަޖެޓްގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ޤާނޫން އަސާސީއާއި، މާލިއްޔަތުގެ ޤާނޫނާއި، މަޖިލީހުގެ ޤަވާއިދުންވެސް ލާޒިމްކުރާ ކަަން މަޖިލީހުގެ މެމްބަރުންނަށްވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި މަޖިލީހުގައި ބަޖެޓްގެ މަސައްކަތް ކުރިއަށްގޮސް ނިންމާ ނުލެވިއްޖެނަމަ ކުރިއަށް އޮތް ސަރުކާރަށް އެތައް ދަތިތައް ކުރިމަތިވާނެ ކަމަށެވެ. މިދަތިތައް ކުރިމަތވާނީ ސަރުކާރަށް އެކަނި ނޫން ކަމަށް ހާމަކުރައްވަމުން އީވާ ވިދާޅުވީ ތަރައްޤީގެ ހުރިހާ މަޝްރޫއަކާއި، އަމިއްލަ ރައްޔިތުންނާއި ރައްޔިތުންގެ ވިޔަފާރިތަކަށް ކުރާ ހުރިހާ މަސައްކަތެއްވެސް ގުޅިފައިވަނީ ދައުލަތުގެ ބަޖެޓާ ކަމަށެވެ.

އަދި ސުޕްރީމް ކޯޓުން ނިމުނު ހަފްތާގައި ކުރެއްވި ހުކުމުގައިވެސް އިތުބާރު ނެތް ކަމުގެ މައްސަލައެއް ލާފައ އޮތް ނަމަވެސް މަޖިލީހުގައި ކޮންމެ ކުރަންޖެހޭ ކަންކަން ކުރަން ޖެހޭނެކަން ވަރަށް ސާފުކޮށް އެނގެން އޮތް ކަމަށެވެ. އަދި ދައުލަތުގެ ބަޖެޓް ކުރިއަށް ގެންދަންޖެހޭ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުންވެސް ލާޒިމްވާ ކަމަށް އީވާ ވިދާޅުވިއެވެ.

ޖަލްސާ މެދު ކަނޑުއްވާލައްވަމުން އީވާ ވިދާޅުވީ ޖަލްސާ ނިންމާ ނުލައްވާނެ ކަމަށާއި މެމްބަރުން ހަމަކޮށްގެން ޖަލްސާ ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށެވެ.